ads
ކުޑަހުވަދޫ
އާބަން ސެންޓަރެއްގެގޮތުގައި ކުޑަހުވަދޫ ކަނޑައަޅައިފި
އަތޮޅުތަކުގައި ތަރައްގީކުރާ ހަތް އާބަން ސެންޓަރުގެ ތެރޭގައި ދ، އަތޮޅުވެރިކަން ކުރާ ކުޑަހުވަދޫ ހިމެނޭކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.

ވ. އާއި މ އާއި ދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދުއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ތަރައްގީ ކުރާ އާބަން ސެންޓަރުތަކުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ބޮޑުކުރިއެރުމެއް ލިބި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އާބަން ސެންޓަރެއްގެގޮތުގައި ކުޑަހުވަދޫ ކަނޑައެޅި އިރު އެރަށުގައި ވިޔަފާރި ބަނަދަރެއް ވެސް ހަދައިދޭނެ ކަމަށާއި އަދި ކުޑަހުވަދޫއަކީ އެހެން ރަށްރަށުގެ މީހުން ހިޖުރަކޮށްގެން ދިރިއުޅުމަށް އަންނަ ވަރުގެ ރަށަކަށް އެ ރަށް ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ތަރައްގީ ކުރާ އާބަން ސެންޓަރުތަކުގެ ތެރޭގައި ބ. އަތޮޅުވެރިރަށް އޭދަފުއްޓާއި ރ. އަތޮޅުވެރިރަށް އުނގޫފާރު ހިމެނޭކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

 މިދިޔަ ހޮނިހިރު ދުވަހު އުނގޫފާރުގައި ރައީސް ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރައްވާނެކަމަށެވެ.

ރައީސް މުއިއްޒު ވަނީ އެރަށު ކައުންސިލާއި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލު ކުރައްވައި އެރަށް ތަރައްގީކުރުމަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކުޑަހުވަދޫ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ކުޑަހުވަދޫގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި، ރައްޔިތުން ބަނދަރު މަޝްރޫޢު ކުރިއަށްގެންދިއުމަށް ބޭނުންވާގޮތްތައް ތަފުސީލީ ގޮތެއްގައި ރައީސަށް ހިއްސާ ކުރެއްވި އެވެ. އަދި ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާ، ކަރަންޓުފަދަ އަސާސީ ޚިދުމަތްތައް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކައުންސިލުން އެދުނެ އެވެ. މީގެ އިތުރުން ވެސް ރަށުގައި ހައުސިން ޔުނިޓްތައް އިތުރުކޮށް ދިނުމަށާއި، ވީހާވެސް އަވަހަކަށް މަސް ފެކްޓްރީއެއް ގާއިމުކޮށްދިނުމަށާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށާއި، އަދި ރަށުން ލިބޭ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރި އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުޑަހުވަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ކުޑަހުވަދޫއިން ކުރިން ދެމުންދިޔަ އައި.ޑީ ކާޑު ޚިދުމަތް އަލުން ރަށުން ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަ ކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން އަދި ސަރުކާރު މުވައްސަސާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރި ކަންކަމުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަުލޫމާތު ހިއްސާކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް