ads
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ބަންޑާރަނައިބު އުޝާމް އައްޔަނުކުރެއްވުން - ފޮޓޯ:ރައީސް އޮފީސް
ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާ ދޫކުރި: އޭޖީ
މިދިޔަ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ސެޓްލްމެންޓް ކޮމިޓީން، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދާ ދީފައިވާ މައްސަލަތަކެއް ބަލަމުންގެންދާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ސެޓްލްމަންޓް ކޮމިޓީއަކީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ކުރީ ސަރުކާރުން އުފެއްދި ކޮމެޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ އުސޫލު ވަނީ އުވާލައްވާފަ އެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް އޭޖީ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ، ސެޓްލްމެންޓް ކޮމެޓީ އުވާލުމަށްފަހު އެ ކޮމެޓީގެ އެންމެހާ ލިޔެކިޔުންތައް ރައީސް އޮފީހުން އެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަދިވެސް އިތުރު 10 ފަރާތަކަށް ބަދަލު ދޭން ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަމަވެސް، އެ މައްސަލަތައް ރިވިއުކޮށް އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް އެސެސްމެންޓެއް ހެދެންދެން އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރަން ވެފައިވާ އެއްބަސްވުންތައް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. 

"ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްކަށް ދީފައި ހުރި ސެޓްލްމަންޓުގެ އަގު ކުރާ ކަމުގައި ވަނީ ނަމަ އެއް ބިިލިއަން ވުރެ ބޮޑު އަދަދެއް ހަރު މުދަލާއި ފައިސާގެ ގޮތުގައި ދައުލަތުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައި ހުރިކަން ފާހަގަކުރެވޭ،" އުޝާމް ވިދާޅުވި އެވެ.

މިކަމުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މީގެ ތެރެއިން ބައެއް މައްސަލަތަކަކީ ޝަރީއަތުގައި އަޑުއެހުންތައް ކުރިއަށް ދިޔަ، "ވަރަށް ސާފުކޮށް ވިން ނުވާނެ" މައްސަލަތަކެއް ކަން ދެނެގަނެވިފައިވެ އެވެ. 

އޭގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން ސެޓްލްމަންޓަށް ވަކި އަދަދެއް ކަނޑައަޅާފައި ހުރި މައްސަލަތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. ކުރީ ސަރުކާރުން ބަދަލު ދޫކުރި ފަރާތްތަކާއި އެ ކަމާ ގުޅޭ ތަފުސީލުތައް ވަނީ ސިއްރުކޮށްފަ އެވެ.

އުޝާމު އިތުރަށް ވިދާޅުވި ގޮތުގައި ސެޓްލްމެންޓު ކޮމިޓީގެ ނިންމުންތައް މުރާޖައާކުރުމުގެ ތެރެއިން ފާހަގަކުރެއްވުނު އެއްކަމަކީ ބަދަލުދިނުމަށް ނިންމާފައި ހުރި ބައެއް މައްސަލަތަަކަކީ ޝަރޫއީ ކޯޓުތަކަށް ހުށަހެޅިގެން ހިނގަމުން އައި މައްސަލަތައް ކަމެވެ. އަދި އެއިން ބައެއް މައްސަލަތަކަކީ އެ މައްސަލަތައް ކޯޓަށް ހުށަހެޅި ފަރާތްތަކަށް ކޯޓުގައި ކާމިޔާބުނުކުރެވޭނެ މައްސަލަތައްކަންވެސް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް