ads
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
މެންބަރުންގެ "ދަތްދޮޅި ދުއްވާލާ" ވާހަކަ ވަޒީރަކު ވިދާޅުވުމުން ފާޑުކިޔުން އިތުރު ވަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އަނެއްކާވެސް ތަކުރާރުކުރެއްވުމުން ގިނަބައެއްގެ ފާނޑުކިޔުން އަމާޒުވާން ފަށައިފި އެވެ.

ރާއްޖޭގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ މ. ދިއްގަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށާއި މަޖިލީހުގައި މިއަދު ހުންނެވި ނަމަ މަޖިލިސް މެންބަރެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެތޯ ސުވާލު އުފެދޭ ކަމަށެވެ.

"...ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" ދިއްގަރު ސްކޫލްގައި ރައީސް މުއިއްޒު އިންނެވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވި އިރުވެސް އޭނާ ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ ދަތްދޮޅި ދުއްވާލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެފަހަރު އެގޮތަށް ވިދާޅުވެފައިވަނީ ސިފައިންގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް އެގޮތަށް ވިދާޅުވި އޯޑިއޯ އެފަހަރު ވަނީ ލީކުވެފައެވެ. އެ އޯޑިއޯގެ މައްސަލަ އެ ދުވަސްވަރު ވަރަށް ގޯސްވި އެވެ. އެ މައްސަލައިގެ ފަހުން އޭނާގެ ވަނަމަކަށް ބައެއް މީހުން "ދަތްދޮޅި ޝަރީފް" ވެސް ކިޔަ އެވެ. 

"އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާވައޭ،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ "ދަތްދޮޅި ދުއްވާލާ ވާހަކަ" އަކީ އާދަން ޝަރީފް ވަރަށް ގިނައިން ސިޔާސީ އެއްވުންތަކުގައި ވިދާޅުވާ ވާހަކައެކެވެ. އެގޮތުން 23 ސެޕްޓެމްބަރ 2022 ގައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވެސް އާދަމް ޝަރީފު ވަނީ ރާއްޖޭގެ ހާލަތު ބަދަލުކުރަން އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި ދަތްދޮޅި ދުއްވާލައިގެންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ވެރިކަން އަލުން ހޯދާއިދޭން ތިބި ކަމަށް ވިދާޅުވެ މާރާމާރީއަށް ހިތްވަރުދެއްވާފައެވެ.

މި ވާހަކަތަކާ ގުޅިގެން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް ބޮލަށް އަރާ މާރާމާރީ ހިންގަން ވަޒީރު ބޭފުޅުން ފާޅުގައި އަޑުއުފުލާއިރު ރައީސުލްޖުމްހޫރިއްޔާ އަތް ޖައްސަވަން އިންނެވުމަކީ ގައުމުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެ ވަޒީރަށް ފިޔަވަޅު ނާޅާނަމަ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.

"ނޫން ނަމަ މަޖިލިލިސް މެމްބަރުންގެ ކިބައިން ވަޒީރު މައާފަށް އެދެން ޖެހޭނެ،" ސައުދު ވިދާޅުވި އެވެ.

އާދަމް ޝަރީފް ދެއްކެވި ވާހަކައާ ގުޅިގެން އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޕާޓީގެ ކެމްޕޭނު ތަރުޖަމާނު، އަހުމަދު އީސާ ވިދާޅުވީ އާދަމް ޝަރީފުގެ ބަސްތަކުން ދޭހަވަނީ ކުރިއަށް އަންނަން އޮތް ދުވަސްތަކުގެ ނާމާންކަން ކަމަށެވެ. 

އާދަމް ޝަރީފް އިއްޔެ ދެއްކެވި ވާހަކައަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއްގެ ގޮތުގައި ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ސިފަކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކުންފުންޏެއް ނޫން ކަމަށާއި އެތަނުން އެންމެ މީހަކު ބޭނުންވާހައި ގޮތަކަށް ކަންކަން ނިމިގެން ނުދާނެ ކަމަށާއި އާދަމް ޝަރީފް ދެއްކެވި ވާހަކައިގެ މައްސަލަ ޕާޓީ ލެވެލްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"ރައްޔިތުން މިހާރު ބޭނުން ވަނީ މުއިއްޒު ޖަވާބުދާރީ ކުރުވަން، ދެން އެ ކުރުވާ އިރުގައި ދަތިތަކެއް ހުންނާނެ، ބޭނުންހައި ގޮތަކަށް ކަންކަމެއް ނުވާނެ، މިއީ ކުންފުންޏެއް ނޫން، ހުރިހާ ރައްޔިތުންގެ ތަނެއް، އެހެންވީމާ އެކަކު ބޭނުންވާ ގޮތަކަށް ނުހިންގޭނެ، ހަމަ މެޖޯރިޓީ ބޭނުންވާ ގޮތަށް ކަންކަން ވާންޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު މަޖިލީހަށް މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ކަމަށެވެ. އެހެންވީމާ ވޯޓު ކަރުދާހުގައި ރައްޔިތުން ޖަހާ ހެޔޮ ފާހަގައާ އެއްގޮތަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ "ދަތްދޮޅި ދުއްވާނުލައި" ހުރެވިދާނެތޯ ސުވާލު އުފައްދަވައި އާދަމް ޝަރީފު ވާހަކަ ދެއްކެވީ ރައީސް އައްޔަން ކުރެއްވި ބައެއް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމުންނާއި ފުށިދިއްގަރު ފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ބަޖެޓުން އުނި ކުރުމާ ގުޅުވަ އެވެ. 

your imageދިއްގަރުގައި ބޭއްވި ޖަލްސާގައި: މެންބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ އަނެއްކާވެސް އާދަމް ޝަރީފް ވަނީ ދައްކަވާފައި

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެއްވެސް ހައްގަކާ ނުލައި ރައީސްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދަތި ކުރަމުންދާ ކަމަށެވެ. އޭގެ އެއް މިސާލުގެ ގޮތުގައި ފާހަގަ ކުރެއްވީ ތިން މިނިސްޓަރަކަށް ރުހުން ނުދިނުމެވެ. އާދަމް ޝަރީފަކީ މަޖިލީހުން ރުހުން ދީފައިވާ މިނިސްޓަރަކެވެ.

"އެއްވެސް ހައްގުން ކަމަކާ ނުލައި ރައިސުލްޖުމްހޫރިއްޔާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅަނީ. މިނިސްޓަރުންނަށް ރުހުން ހޯދަން ފޮނުވީމަ ކަމަކު ނުދިޔަ. އެކަމަކު ކަމަކު ނުދިޔަ މީހުންނަކީ ރާއްޖޭގައި އެންމެ މަގުބޫލް މިނިސްޓަރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ބަޖެޓް ކަނޑާލީ ވެސް ޖެއްސުން ކުރުމުގެ ގޮތުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަދި ލާމަރުކަޒީ ނިޒާމް ވެސް ރައީސް އެންމެ ފުރިހަމަ އަށް ތަންފީޒު ކުރައްވަމުންދާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް