ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށްޓަކައި ޖިނާއީ އިޖްރާއަތުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށްޓަކައި މަޖިލީހަށް ބިލެެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި ބިލް ފާސްވެގެން ދިއުމުން ކަފާލާތުގެ ނިޒާމު މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތައް:
- އިޖްތިމާއީ ބޯހިޔާވަހިކަމުގެ ބިލް
- ބިމާ ބެހޭ ބިލް
- ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލް
- ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު
- ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލް
- ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ބިލް
- ޓްރެވަލް އޭޖެންސީއާ ބެހޭ ބިލް
- ކޮޕީރައިޓްސް ބިލާ ބެހޭ އިސްލާހު
އުޝާމް ވިދާޅުވީ ހަފްތާ 14 މަގުޗާޓުގައި ހިމެނިފައިވަނަނީ ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ވާހަކަ ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ބިމާ ބެހޭ ގާނޫނަކީ 2002 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ގާނޫނެއް ކަމަށެވެ. އެއީ ވަރަށް އައުޓްޑޭޓްވެފައިވާ ނުވަތަ ޒަމާނަށް ނުފެތޭ ގާނޫނެއްކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެހެންވެ، މުޅިން އާ ބިމާ ބެހޭ ގާނޫނެއް އުފެއްދުމުގެ ބިލެއް ހުށަހަޅާފައިވާނެ ކަމަށެވެ.
ހަފްތާ 14މަގު ޗާޓްގައި ޕްރިވެންޓަބަލް ހެލްތު ކެއާގެ ބިލެއް ހުށަހަޅަން ޖެހޭކަމަށާއި ނަމަވެސް އިތުރު ބިލެއް ހުށަހެޅުމުގެ ބަދަލުގައި މިހާރު ވެސް އަމަލުކުރަމުންދާ ޤާނޫނަށް އިސްލާހު ހުށައަޅާފައިވާކަމަށެވެ.
އުޝާމް ވިދާޅުވީ މަޖިލީހަށް 14 ހަފްތާގެ ތެރޭގައި ހުށަހަޅަން ޖެހޭ ބިލްތަކުގެތެރެއިން މިހާތަނަށް ހުށަނާޅާ އޮތީ ނަފްސާނީ ޞިއްޙަތުގެ ބިލް ކަމަށެވެ. އެ ބިލް ޑްރާފްޓްކޮށް ސްޓޭކް ހޯލްޑަރުންނާ ހިއްސާކުރައްވާފައި ވާނެ ކަމަށާއި އެ ބިލް ފަރުމާކޮށްފައިވާ ގޮތުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރުމުން އިތުރަށް އެ ފަރާތްތަކާއެކު މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ބިލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މީގެ ކުރީގެ ސަރުކާރަކުން ގެނެސްފައިވާ ފުރަތަމަ އިސްލާހު ބާތިލްކުރުމަކީ ވެސް މިސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އިސްލާހު ބާތިލް ކުރުމަށް ބިލެއް މަޖިލީހުގެ މިދިޔަ ދައުރުގައި ހުށައަޅާފައި އޮތުމުން މަޖިލީހުގައި އޮތް ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން އެދިފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މީގެ ކުރީގެ ސަރުކާރަކުން ގެނެސްފައިވާ ފުރަތަމަ އިސްލާހު ބާތިލް ކުރުމަށް ބިލެއް މަޖިލީހުގެ މިދިޔަ ދައުރުގައި ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ