މަޖިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ފަލާހުގެ ކެމްޕޭނު އިވެންޓުގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ މިދިޔަ ސަރުކާރުން ދިން ގޯތިތައް ސަރުކާރުން ބޭނުންވާ ބަޔަކަށް ބަހާލަަންވެސް ފަހަށް ނުޖެހޭނެ ކަމަށެވެ.
މާލޭގެ ރައްޔިތުންނާއި ދިމާވެފައި އޮތް ގޯތީގެ މައްސަލަ ހައްލުކުރަން ދިން ގޯތިތައް ހިފަހައްޓައި ދޫނުކޮށް ތަފާތު ބަހަނާތައް ދައްކަމުންދަނީ މަޖިލިސް އިންތިހާބު ނިމެންދެން ކަމަށާއި އެއަށްފަހު އެ ގޯތި ލިސްޓަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ޖެހިފައި މިއޮތް ދަތި އުނދަގުލުން ސަލާމަތްވުމަށް މަޖިލިސް އިންތިހާބުގެ ބޭނުން ހިފަން ޖެހޭކަމަށާއި ސަރުކާރު ހަމަ މަގަށް އަޅުވައި ގޯއްޗާއި ފްލެޓު އަތުލިޔަ ނުދިނުމަށް އެމްޑީޕީއަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ ގޯއްޗާއި ފްލެޓު ލިސްޓަށް މިހާރު ބަދަލު ނުގެނެވިގެން އުޅެނީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ކަމަށެވެ.
ކުރީ ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލަ އޭސީސީން ބަލަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ފްލެޓުތައް ހައްގުވެރިންނަށް ނުލިބި ލަސްވާތީ ސަރުކާރަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.