ads
އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ: -- ފޮޓޯ: އެލްޖީއޭ
ބަޔާން ބާތިލް ކުރަން އެންގީ އިންކުއަރީ ލަސްވާނެތީ: ޒުލްފާ
ރައީސް ޑރ. މުހައްމަދު މުއިއްޒު ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން އެންގީ އެކަމުގެ އިންކުއަރީ އަށް ގިނަ ވަގުތުތަކެއް ނަގާނެތީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.
Advertisement

ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ މި ފަހުން ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް އެދިވަޑައިގަންނަވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ. އެ ބަޔާން ބާތިލުކުރުމަށް އެލްޖީއޭއިން އެންގި ނަމަވެސް އެކަމަށް، ކައުންސިލުން ވަނީ ދެކޮޅުހަދާފަ އެވެ.

އެލްޖީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވީ އޮފީސް ހިންގުމުގެ ޒިންމާ އޮންނަނީ ސީއީއޯ އަށް ކަމަށެވެ. އެހެންކަމުން ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުން ރައީސްގެ އަބުރުފުޅަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ގަބޫލު ކުރެވޭތީ، އިދާރާގެ ހުރުމަތް ކުޑަނުވާނެ ގޮތަށް އެކަން ގެންދިއުމަށް އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އެލްޖީއޭ އިން ބަޔާން ބާތިލުކުރުމަށް އަންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ޒުލްފާ މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ ސިޓީއެއް ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޒުލްފާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅޭ ގޮތުން، އިންކުއަރީ ހަދަން ގާނޫނުގައި އޮންނަ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާ ކަމަށް ޒުލްފާ ފާހަގަކުރެއްވި އެވެ.

ޒުލްފާ ވިދާޅުވީ ދެން އެންމެ އަވަހަށް އެލްޖީއޭގެ ބޯޑުގެ ބައްދަލުވުމެއް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މައްސަލައިގެ ހައްސާސް ކަމުން އެހާ ތަނަށް މަޑުކުރުމަކީ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އަވަސް ފިޔަވަޅެއް އެޅީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ބޯޑަށް ގެންދިއުމުގެ މަރުހަލާ ދެން އަންނާނީ މާޗު މަހުގެ 29 ގައި ކަމަށް ވާތީ އެ ދޭތެރޭގައި އެހާ ދުވަސް ވާނެތީ އެ މައްސަލައިގެ ހައްސާސް ކަމުން، ބޯޑާ ހިސާބަށް ގެންދެވޭއިރު އޮންނާނީ އެކަމުގެ މުއާމަލާތް ކެނޑިފައި ދެއްތޯ، އެހެންވެ އިދާރާ ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ އެންގުން އެންގީ." ޒުލްފާ ވިދާޅުވި އެވެ.

އެ މައްސަލާގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ކައުންސިލުން ނެރޭ ބަޔާންތަކާ ގުޅިގެން ފިޔަވަޅު ނާޅުއްވާނެ ކަމުގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އިދާރާއަކަށް ޤާނޫނުން މަތިކުރާ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ގޮތް ނުކިޔާނެކަމަށެވެ. އަދި ކައުންސިލްތަކުން ނެރޭ ބަޔާނަށް ރައްދުދީ، ސަރުކާރުން އެއްވެސް ކައުންސިލަކަށް ފިޔަވަޅު އެޅުމަކީ ކުރާނެ ކަމެއް ނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ގޮތްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް