މި ސްކީމްގެ އެއްބަސްވުމުގައި އެގްރިކަލްޗާ މިނިސްޓްރީ އާއި މފިނޭންސް މިނިސްޓްރީ އަދި އެސްޑީއެފްސީން މިހާރު ވަނީ ސޮއިކޮށްފަ އެވެ.
ފިނޭޭންސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ. އަދި އެގްރިކަލްޗާ މިނިސްޓްރީން ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު ސޮއިކުރެއްވި އިރު، އެސްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީ އެވެ.
މި އެއްބަސްވުމުގެ ދަށުން އެގްރިކަލްޗާ މިނިސްޓްރީ އާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓު، އިފާޑާ ގުޅިގެން ހިންގަމުންގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެފް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން 15188700 ރުފިޔާގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިޝާމާ ވިދާޅުވީ އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދާ މި ސްކީމަކީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސްކީމެއް ކަމަށެވެ.
މީގެއިތުރުން ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ގާއިމްކޮށްގެން ދަނޑުވެރިކަންކުރަން ބޭނުންވާ ދަނޑުވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިގްރާންޓަށް އެދި ހުށަހެޅުމަށް އަވަސް ތާރީހެއްގައި އިއުލާން ކުރާނެ ކަމަށް ވެސް ވިޝާމާ ވަނީ ވިދާޅުވެފަ އެވެ.