ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށުު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުުއްވި "އެންޓި ޑިފެކްޝަން ގާނޫނު"ގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފަ އެވެ.
ބިލްގެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެންޓި-ޑިފެކްޝަން ބިލަކީ މުހިންމު ބިލެއް ކަމަށާއި ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ ތާއީދާއި އިތުބާރު ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ މަސައްކަތްކުރާ މީހުންނަށް އޮތީ ކިހާވަރަކަށްތޯ ބަލާލަންޖެހޭ ކަމަށެވެ.
ބިލްގައި ރިކޯލް ވޯޓުގެ ވާހަކަ ހިމަނާފައިވާއިރު ކޮމިޓީ މަރުހަލާގައި ރިކޯލް ވޯޓު ނެގޭނެ އުސޫލުތައް އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
އެގޮތުން ރައްޔިތުން ބޭނުންވާ ގޮތް ނޫން ގޮތަކަށް މެންބަރު ކަންކަން ކުރާނަމަ ރިކޯލް ވޯޓަކަށް އެހޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްއިން ދެކޭގޮތުގައި އެގޮތަށް އޮޓޯއިން މެމްބަރުން ވަކިވާ ގޮތަށް ގާނޫނު ހެދުމުގެ ބަދަލުގައި ހަދަންވީ މެމްބަރު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުން އެ މެމްބަރު ވަކި ކުރުމާ މެދު ގޮތެއް ނިންމޭ ގޮތެކެވެ.
އެ ބަހުސްގައި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވިދާޅުވެފައި ވަނީ މެންބަރުން ޕާޓީ ބަދަލުކުރަނީ ހަމައެކަނި އެ މެންބަރު ގޯސްވެގެން ނޫން ކަމަށާއި ޕާޓީގެ ލީޑަރުންވެސް އެކަމުގައި ކުށްވެރިވާ ކަމަށެވެ. އެގޮތަށް ހަދައިފި ނަމަ ޕާޓީގެ ލީޑަރުން ބޭނުންވެގެން މެމްބަރު ޕާޓީއިން ވަކިކޮށްލިޔަަސް ގޮނޑި ގެއްލޭނެ ކަން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފާހަގަކުރެއްވި އެވެ.