މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ށ. މާއުނގޫދޫއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުން ހުއްޓުމަކަށް ގެނެސްފައިވާކަމަށް ވިދާޅުވެފަ އެވެ.
ރައީީސް ސޯލިހުގެ އެ ވާހަކައަށް ރައްދު ދެއްވަމުން ޒިޔާދު ވިދާޅުވީ، މަޝްރޫއުތަކަށް ހަރަދުކުރާނެ ފައިސާ ވެސް ނެތި ކުރީގެ ސަރުކާރުން މަޝްރޫއުތައް ފަށާފައިހުރީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.
ޒިޔާދު ވިދާޅުވީ މަޝްރޫއުތަކަށް ސަޕްލައި ކުރާ ކުންފުނިތަކުން ތަކެތި ކްރެޑިޓަށް ސަޕްލައިކުރިއިރު، ފައިސާ ދޭނެ ޕްލޭނެއް އެކުލަވާލެވިފައި ނުވާ ކަމަށެވެ. އަދި ތެޔޮ ވެސް އެޅުވީ ކްރެޑިޓަށް ކަމަށާއި، އެމްޓީސީސީއަށް އެ ހާލު ޖެއްސީ ރައީސް ސޯލިހު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ދާދި ފަހުން ޒިޔާދު ވަނީ އެމްޓީސީސީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލިއަނެއްހާ ރުފިޔާ ކުރީގެ މެނޭޖްމެންޓުން ނުދައްކާ އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އޭގެއިތުރުން ބައެއް މަޝްރޫއުތައް ހިންގުމަށް ކުރީގެ މެނޭޖްމަންޓުން ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނަގާފައިވާ ގޮތުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވެފައިވެ އެވެ.