ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ގދ.ގައްދޫ ގެ އާންމު ރައްޔިތެއް ކަމުގައި ވާ މުހައްމަދު ލަބީބު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިހާރު ހަރުކުރާ ލިފްޓު ތަކުގެ ތެރޭގައި ސްޓުރެޖާ ހުންނަ ލިފްޓުތައްވެސް ހިނމެނޭ ކަމަށެވެ
މިކަމުގެ ސަބަބުން ބަލި މީހުން ފްލެޓުތަކުން ބަލާ އެތަނުން އަނެއް ތަނަށް ގެންދިއުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހިޔާ ފްލެޓުގެ ލިފްޓުތައް ހަރުކޮށް ނިމުމުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ހިޔާ ފްލެޓުތަކުގައި ހަރުކުރާ ލިފްޓްތަކުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު ލިފްޓު ގާއިމު ކުރުމުގެ މި މަސައްކަތަކީ އެޗްޑީސީ އިން ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕް އާއިއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވަނީ ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެ ކަމަށާއި އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެއް ބަހައްޓާނެކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އަދި މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެ އެވެ.
ހިޔާ ޓަވަރުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކުރިއަށް ގެންދެވި މަޝްރޫއެކެވެ. ނަމަވެސް ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅޭ އަދަދާ ބަލާއިރު ލިފްޓުތައް މަދު ކަމުގެ ޝަކުވާ އާންމުން ކުރެއެވެ.