އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާ އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވީ ބައްސާމްއާއި އަހްމަދު ތާރިގު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ބައްސާމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތި ލެއްވި ކަމަށް އިތުބާރު ހުރި ރިޕޯޓްތަކުން މައުލޫމާތު ލިބިފައިވީނަމަވެސް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލީ ކޮން ބައެއް ކަމެއް އެ އެސޯސިއޭޝަނުން އަދި ނުބުނެއެވެ.
ބޭނުން ވަނީ ފުޓުބޯޅައަށް ހެޔޮ ބަދަލެއް ގެންނަން ކަމަށް ވިދާޅުވެ، އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް އަލުން ވާދަކުރައްވައިފާނެ ކަމުގެ އިޝާރާތެއް، މަނީ ލޯންޑްރިންއާއި ރިޝްވަތުގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ކުރިން ދެއްވާފައެވެ.
"އަބަދުވެސް ތަކުރާރުކޮށް އަޅުގަނޑު ފާހަގަކުރާ ކަމެއް އެއީ (އެފްއޭއެމްގެ) މެންބަރު ކްލަބްތަކުން އެދިއްޖެކަމުގައިވާނަމަ އަބަދުވެސް އެ މެންބަރު ކްލަބްތަކާ އެކު ތިބޭނެ ވާހަކަ،" އަލުން އިއުލާން ކުރާ އިންތިހާބަކަށް ކުރިމަތިލައްވާނަން ތޯ ސުވާލުކުރުމުން، ބައްސާމް ކުރިން ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް އަނެއްކާވެސް ބައްސާމް ކުރިމަތިލެއްވި ކަމަށް ހަބަރު ލިބިފައިވާއިރު، ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތްވަނީ ފަށާފައެވެ. ބޮޑު ޖަލު ހުކުމެއް އަތުވެދާނެ ދައުވާތަކެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.