ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހު މަޖިލީހަށް ތައާރަފުކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން އީސީގެ މެމްބަރުން ނުވަތަ މެމްބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެ ކަމަށް އެދޭ ބޭފުޅުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށް އިއުލާނުކޮށް އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަންޖެހޭނެ އެވެ.
އެގޮތުން ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބޭފުޅެއް ނުވަތަ ބޭފުޅުން އީސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
އިސްލާހުގައިވާ ގޮތުން އީސީގެ މެމްބަރު ކަމަށް މަޖިލީހުން ފާސްކުރާ ނަންތަކަކީ އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ ބޭފުޅުންގެ ތެރެއިން ގާނޫނުގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުން ކަމުގައި ވާންވާނެ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އީސީއަށް މެމްބަރުން ނުވަތަ މެމްބަރެއް އައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު އެ ފަހަރަކު އައްޔަންކުރަން ޖެހޭ މެންބަރުންގެ އަދަދަށްވުރެ މަދު ނޫން އަދަދަކަށް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހެ އެވެ.
މި ގޮތުން މަޖިލީހަށް ރައީސް ހުށަހަޅުއްވާ ނަންތަކަކީ އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދޭ ބޭފުޅުންގެ ތެރެއިން ހޮވާލެވޭ ނަންތަކެއް ކަމުގައި ވާންޖެހެ އެވެ.
އަދި މި ގޮތުން ރައީސް ހުށަހަޅުއްވާ ނަންތައް ފޮނުވާއިރު އާންމުކޮށް އިއުލާނުކޮށްގެން އެކަމަށް އިޖާބަދިން އެހެން ބޭފުޅުންގެ ނަންތައްވެސް މަޖިލީހުގެ މައުލޫމާތައްޓަކައި އެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް މިހާރު ފުރުސަތު ހުޅުވާލަނީ ރައީސް އޮފީހުންނެވެ.
މިނިވަން ކޮމިޝަންތަކުގެ ތެރެއިން މި ވަގުތު ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށް މެންބަރުން އައްޔަންކުރަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮންނަ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު އެ އިސްލާހު ހުށަހެޅުއްވިއިރު، އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު ހަމަވުމުން، މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ.