މިމަހުގެ 15 އިން 17 އަށް އޮތް ރަޝިޔާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމުނުއިރު ވޯޓުގެ 87 ޕަސެންޓަށް ވުރެ މަތިން ޕުޓިން ވަނީ ކާމިޔާބުކުރައްވާފަ އެވެ.
ޕުޓިން އެންމެ ފުރަތަމަ ރަޝިއާގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ގަ އެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ މުޅި ރަޝިއާ ކޮންޓްރޯލްކުރާ އެންމެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަށެވެ.
ރަޝިއާގެ އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ޕޫޓިން އެއްބުރުން ހޮވިވަޑައިގަތުމުން އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެ އެވެ. ދެން އޮންނާނީ ރަސްމީ ނަތީޖާ އިއުލާންކުރުމާއި ރައީސްކަމަށް ޕޫޓިން ވެރިކުރައްވައި ހުވައިކުރެއްވުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
މި އިންތިހާބުގައި ދެވަނަ ހޯއްދެވި ކޮމިއުނިސްޓް ކެންޑިޑޭޓް ނިކޮލާއީ ހަރިތަނޯވް އަށް ލިބިވަޑައިގަތީ އެންމެ 4 ޕަސެންޓެވެ. ތިން ވަނަ ލިބިވަޑައިގަތީ މުޅިން އަލަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނެޝަނަލިސްޓް ކެންޑިޑޭޓް ލިއޮނިޑް ސްލަޓްސްކީ އެވެ.
އަބަދު ވެސް އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވާ ކަމުގެ "ޓެގް" އިދިކޮޅުން އަޅުވާ ޕުޓިން އިތުރު ދައުރެއް ކާމިޔާބު ކުރެއްވި އިރު، ޕުޓިންގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މަގުބޫލުކަން ހޯދައިފައިވާ އިދިކޮޅު ލީޑަރު ނަވަލްނީ ކުއްލިއަކަށް ނިޔާވީ ވެސް މިފަހުން ނެވެ.
ނަވަލްނީ ނިޔާވި ސަބަބެއް ނޭނގޭ ކަމަށް ރަޝިޔާގެ ކޯޓުތަކާބެހޭ އިދާރާއިން ހާމަކުރެއެވެ. އެ އިދާރާއިން ބުނީ, ނަވަލްނީ ނިޔާވީ ޖަލުގައި ހިނގައިލަން އުޅުއްވި ވަގުތެއްގައި ކުއްލި ގޮތަކަށް ބަލިވެގެން ކަމަށެވެ. އަދި, ހަބަރު ހުސްވެގެން ވެއްޓުމުން, އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.
ނަވަލްނީ ނިޔާވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ހުޅަނގުން ވަނީ އެއީ ޕުޓިންއާއި އޭނާގެ ބައިވެރިން ކުރި ކަމެއް ކަމަށް ތުހުމަތުކުރައްވައިފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ނަވަލްނީގެ މަރުގެ ޒިންމާ ޕުޓިން އުފުއްލަވަން ޖެހިވަޑަގައިގަންނަވާނެއެވެ.