ads
ހެލްތް މިނިސްޓަރު ހަލީލް
ކުވެއިތު ފަންޑު އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުން އެބަދަން: ހަލީލް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން ކުވޭތު ފަންޑުން ލޯނު ހަމަޖެހުނު ނަމަވެސް، އެ ފަންޑު ހުއްޓިފައިވާ ކަމަށާއި ފަންޑު އަނބުރާ ލިބޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ކުވޭތު ފަންޑުގެ ދަށުން ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އަޅަން މިދިޔަ ސަރުކާރުން ހަވާލުކުރީ އިންޑިއާގެ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓް އަދި ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާ އެވެ.

ހދ. ހަނިމާދު އާއި އދ. މާމިގިއްޔާއި ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ހޮސްޕިޓަލް އަޅަން ހަވާލުކުރީ ދިވެހި ކުންފުންޏާ އެވެ. އިންޑިއާ ކުންފުންޏާ ހަވާލުކުރީ ށ. މިލަންދު އާއި ނ. ވެލިދޫ އަދި ކ. ތުލުސްދޫގައި ހޮސްޕިޓަލް އެޅުމަށެވެ.

މަޖިލީހުގެ މެމްބަރުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުވުމުން އެ މަޝްރޫއާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. އޭނާ އެއްސެވީ ވެލިދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއު ހުއްޓިފައި އޮތީ މަޝްރޫއު ހިންގަން ހަމަޖެހުނު ކުވޭތު ފަނޑު ބަންދު ވެފައިވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ފަންޑު އަނބުރާ ހޯދަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާއިރު، އިތުރު އެހެން ގޮތަކުން އެ މަޝްރޫއު ހިންގަން ފައިސާ ހަމަޖެހޭތޯ ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"[ކުރީ] ސަރުކާރުގެ ވަރަށް ފަހުކޮޅުގަ އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށް ގެންދަން ނިންމާފަ އޮތް ކަމުގަ ވިޔަސް އެކަށީގެންވާ މިންވަރަށް މި އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފަ ނުވާކަން އަޅުގަނޑު ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.


ކުވޭތު ފަންޑު އަނބުރާ ގެންގޮސްފައިވާ ކަމަށް ކުރީން ރައީސް ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ސަރުކާރު ބަދަލު ވިޔަސް އެ ލޯނު ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އަމީރު ވިދާޅުވެފައި ވެއެވެ.

އެ މަޝްރޫއު އެހާ ބޮޑަށް ލަސްވީ ކުވޭތުގެ ދާހިލީ އަދި ސިޔާސީ ނުތަވަސްކަން އެ ދުވަސްވަރު ވަރަށް ބޮޑުވެފައި އޮތުމުން އެ ފަންޑަށް އޭގެ އަސަރުކޮށްގެން ކަމަށް އަމީރު ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް