ހަރަދުތަކަށް ނުބަލާ، ޒާތީ މަސްލަހަތު އިސްކޮށް މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ސަމާހު މައްޗަށް ވަނީ އުފުލިފައެވެ. އަދި އެކަން އެގޮތަށް ކުރާނަމަ އެކަން ހުއްޓާލުމަށް މީގެ ކުރިން ޕީސީބީން ވަނީ އަންގާފައެވެ.
މީ މި ސަރުކާރުގެ ކުންފުންޏެއްގެ އިސްމަގާމެއްގައި ހުރި މީހަކު ސަސްޕެންޑް ކުރި ފުރަތަމަ ފަހަރުއެވެ.
ޕީސީބީން ނެރުނު ނޫސްބަޔާން ގައި ބުނެފައިވަނީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރަމުން އަންނަ ސަމާހު ރަޝީދު ސަސްޕެންޑްކުރީ އޭނާއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސާއި ގުޅުން ހުރި މައްސަލަަތަކެއް ހުށައެޅިފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކާކަމަށެވެ.
ޕީސީބީބް ބުނީ ސަމާހު ސަސްޕެންޑްކުރީ 14 ދުވަހުގެ މުއްދަތަށްކަމަށެވެ.
ސަމާހު މައްޗަށް ކުރާ ތުހުމަތުތައް
- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރުން
- ކުންފުނީގެ ދާއިމީ މުވައްޒަފުންނަށް ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި، ވަޒީފާގެ ބިރުދެއްކުމާއި، ދާއިމީ މަގާމު ތަކުގައި ތިއްބި މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ގާނޫނު ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުމާއި، ސަބަބެއް ނެތި އެހެން ޑިޕާޓްމަންޓުތަކަށާއި، ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަށަށް ބަދަލުކުރުން
- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި، ރަށްޓެހިންނަށް ބަޖެޓު ހަމަޖެހިފައި ނުވަނީސް ވަޒީފާދިނުން
- ހެޑު ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް، އެއްވެސް ޝަރުތުތަކަށް ބެލުމެއް ނެތި، އާއްމުކޮށް އިއުލާން ކުރުމަކާއި ނުލާ މުވައްޒަފުން ނެގުމާއި، އިޖުރާތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުން
- ޕީސީބީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމު ތަކަށް މީހުން ނެގުން
- އުސޫލުތަކާއި ހިލާފަށް އެކަށީގެންވާ ތައުލީމާއި، ތަޖުރިބާއެއް ނެތް މީހުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް އައްޔަންކުރުން
- ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ އުސޫލްތަކާއި ހިލާފަށް ކަމާއި ނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން އަދި އެފަދަ ދަތުރުތަކުގައި ބޭކާރު، ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި އަދި ހަރަދު ކުޑަކުރުމަށް އިސްކަންދިނުން
މި ނޫންވެސް ބައެއް ތުހުމަތުތައް ވަނީ ސަމާހުގެ މައްޗަށް އުފުލާފައެވެ.