ads
އެލްޖީއޭގެ ސީއީއޯ ޑރ. ޒުލްފާ: -- ފޮޓޯ: އެލްޖީއޭ
ބަޔާން ބާތިލުކުރި މައްސަލާގައި މެމްބަރުންގެ ހޫނު ސުވާލުތަކެއް ޒުލްފާ އަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން އެންގި މައްސަލާގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައެއް މެމްބަރުން އެލްޖީއޭގެ ރައީސް ޑރ. މަރިޔަމް ޒުލްފާ އަށް ގިނަ ސުވާލުތަކެއް މިއަދު ކުރިމަތި ކުރައްވައިފި އެވެ.

ދަތުރުފުޅުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަންނަވާފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރުމަށް އެންގީ ޒުލްފާ ސޮއިކުރައްވައި އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މައި އިދިކޮޅު އެމްޑީޕީގެ މެމްބަރުން ސުވާލުތައް އަމާޒުކުރެއްވީ އެލްޖީއޭގެ ބޯޑުން ނުނިންމައި ސީއީއޯ އަށް އަމިއްލަ އަށް އެ ފަދަ އެންގެވުމެއް އެންގިދާނެތޯ އާއި އެ އެންގެވުމާ އެކު ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަށް އަމަލު ކުރެއްވޭނެ ކަމަށް އެލްޖީއޭ އިން ގަބޫލުކުރަނީތޯ ސާފުކުރުމަށެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ، ބަޔާން ބާތިލުކުރަން އެންގީ އެލްޖީއޭގެ ބޯޑަށް ހުށަހަޅައިގެން ވަގުތު ނަގައި، އިޔާދަ ނުކުރެވޭނެ ގެއްލުން ލިބިދާނެތީ ކަމަށެވެ. އަދި ބޯޑުން ނުނިންމައި، އެފަދަ އިދާރީ ފިޔަވަޅުތައް އެޅުމުގެ އިހުތިޔާރު ސީއީއޯ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

your imageކެނދިކުޅުދޫ ކައުންސިލާއި ރައީސް ބައްދަލުކުރައްވަނީ

ޒުލްފާގެ ޖަވާބާ މެދު އަނެއްކާވެސް އެ ސުވާލު ތަކުރާރު ކުރައްވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެލްޖީއޭގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ މީގެ ކުރިން ވެސް އެލްޖީއޭ އިން އެގޮތަށް އަމަލު ކޮށްފައި ވާނެ ކަމަށެވެ.

ކައުންސިލެއްގެ ބަޔާނެއް ބާތިލު ނުކުރަން އެލްޖީއޭ އަށް ނޭންގޭނެ ކަމަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ އިރު، އެ ލަފާ ވެސް ގަބޫލު ނުކުރައްވަނީތޯ މެމްބަރުން ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ.

ޒުލްފާ ވިދާޅުވީ، އެކަމާ ގުޅިގެން ބަންޑާރަ ނައިބު ދެއްވި ލަފާ ގޯސްކަމަށް ނޫނީ އެ ލަފަ އަށް ގޮންޖައްސަވާފައި ނުވާނެ ކަމަށެވެ.

"ތިޔަބޭފުޅުން އެ ގޮތަށް އިންޓަޕްރިޓް ތިޔަ ކުރައްވަނީ. އަޅުގަނޑު އެއްވެސް ތަނެއްގައި އެ ކަހަލަ އެއްޗެއް ބުނަފެއް ނޯންނާނެ،" ޒުލްފާ ވިދާޅުވި އެވެ.

އޭނާ އެ ގޮތަށް ޖަވާބު ދެއްވުމުން، ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ވަނީ، ބަންޑާރަ ނައިބުގެ ލަފާ ބަލައިގަންނަ ނަމަ، ކައުންސިލަށް އެލްޖީއޭ އިން އެންގި އެންގުން އަނބުރާ ގެނެސް، މާފަށް އެދިވަޑައިގަންނަވާތޯ އައްސަވައިފަ އެވެ.

އެ ސުވާލަށް ސީދާ ޒުލްފާގެ ޖަވާބު ދެއްވުމަށް ގޮވާލައްވައި، ބައްދަލުވުން ހޫނު ވެސް ވި އެވެ. އަދި މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ކޮމިޓީން ވަޑައިނުގަންނެވޭނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

އެކަމަކު ޒުލްފާގެ އެދިވަޑައިގެންނެވުމުގެ މަތިން، ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ، ޒުލްފާގެ ބަދަލުގައި އަބްދުﷲ ރަޝީދަށް އެ ސުވާލުގެ ޖަވާބު ދެއްވުމުގެ ފުރުސަތު ދެއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް