ads
ސައިބާ ސެކިއުރިޓީއާ ބެހޭ އިދާރާއެއް އުފައްދައިފި
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

ސައިބާ ސެކިއުރިޓީއާ ބެހޭ އިދާރާއެއް ގާއިމުކުރި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެއިތުރުން ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމަކީ ވެސް މި އިދާރާ އުފެއްދި ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އޮފީހުން ބުނީ "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ"އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ"ކަމަށެވެ.

ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެހުމުގައި މި އެޖެންސީއަށް ލިޔާ ސިޓީގައި ޖެހުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް