މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތް ކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓާ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓަށް ލަފާދިނުމަށްޓަކައި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
އެ މިނިސްޓްރީން ބުނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
އެހެންވެ މި ބޯޑުގައި ބައިވެރިވާން އެދޭ ޖަމިއްޔާ ޖަމާއަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މި މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ވަނީ އެދިފަ އެވެ.
ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން އިތުރަށް ބުނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގައި ހިމެނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ކަމާ ގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.