އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަމުން އެކަމުގައި ދެމިހުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ
Advertisement
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ރަމަޟާންމަހާއި ދިރިއުޅުން" މި މައުލޫގެ މައްޗަށެވެ.
ރޯޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާކަމެއްކަމުން ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭކަމަށާއި ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަން ހުތުބާގައި ފާހަގަކޮށްފައިވެވެ.
ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުންކަމަށާއި އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަން ހުތުބާގައި ވެއެވެ.
" ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. (عَلَى كُلِّ مُسْلِمٍ صَدَقَةٌ). قَالُوا: يَا رَسُولَ اللهِ، فَإِن لَّـمْ يَسْتَطِعْ أَوْ لَـمْ يَفْعَلْ؟ قَالَ: (يَعْتَمِلُ بِيَدَيْهِ فَيَأْكُلُ مِنْهُ وَيَتَصَدَّقُ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُعِيْنُ ذَا الْـحَاجَةِ الْمَلْهُوْفَ)، قَالُوا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يَأْمُرُ بِالْـخَيْرِ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُـمْسِكُ عَنِ الشَّرِّ، فَإِنَّـهَا لَهُ صَدَقَةٌ) މާނައީ:"ކޮންމެ މުސްލިމެއްގެ މައްޗަށް ޞަދަޤާތެއް ވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ކުރުމަށް ނުކުޅެދުންތެރިވެ ނުވަތަ އެކަން ނުކޮށްފިނަމަ، ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އަމިއްލައަށް މަސައްކަތްކޮށް ލިބުނު އެއްޗެއް އޭނާ ކައި އަދި ޞަދަޤާތް ކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބޭނުންޖެހި އެކަމަށް އެދޭ މީހާއަށް އެހީތެރިވާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަންވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ހެޔޮކަންތަކަށް އަމުރުކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން އޭރުންވާނީ އޭނާގެ ނަފްސަށްވެވޭ ޞަދަޤާތަކަށެވެ!" ހުތުބާގައިވެވެ.
މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންނެވެ.
" ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވާށެވެ! ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ."
މާތް ﷲ ގެ ރަޙްމަތާއި ފުއްސެވުން ލިބެންއޮތީ މާތް ﷲ އަށް تَقْوَى ވެރިވެ، އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަން ވެގެންނެވެ.