މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވާއިރު މިފަދަ ޖަމާއަތުން ރަޝިޔާގައި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު އެމެރިކާއިން މި މަހުގެ ކުރީކޮޅު ވަނީ ދީފަ އެވެ.
ހަތިޔާރުއެޅި ގުރޫޕަކުން ކޮންސެޓް ހޯލަކަށް ވަދެ ދިން ހަމަލާތަކުގައި 60 މީހަކު މަރުވެ 145 އަށް ވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ފިހި، ޒަހަމްވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީހުން އެއްވެފައި އޮތް ތަނަކަށް ބަޑިބޭހުން ހަމަލާދިނުމުން ރޯވި އަލިފާންގަނޑުގައި ބަޔަކު ފިހި ޒަހަމްވީ އެވެ.
ރަޝިޔާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯތަކުގައި ގިނަ އިރުތަކަކަށް ބަޑިޖަހާ އަޑު އިވޭއިރު، ރައިފަލް ހިފައިގެން ތިބި ބަޔަކު ހޯލް ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ތަން ފެނެއެވެ. ހަމަލާދިން މީހުން ވަނީ ގޮވާތަކެތި އުކައިފައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެކަމުގެ ސަބަބުން ކަމަށްވެސް މީޑިއަތަކުން ރިޕޯޓުކުރެ އެވެ.
މި ހާދިސާ ހިނގާދިޔަ ގޮތް އަންދާޒާކުރައްވައި ރަޝިއާގެ އަލްފާ އެންޓި ޓެރަރިޒަމް ޔުނިޓްގެ ތަޖުރިބާކާރު ފަންނުވެރިޔާ ސަރުގޭ ކޮންޗަރޯފް ވިދާޅުވީ މިއީ ޔުކްރޭން އަޑީގައި އޮވެގެން ކުރުވި ކަމެއްކަން ޝައްކެތް ނެތް މިންވަރަށް ކަށަވަރު ކަމަށެވެ.
އައިސިސްއިން ޒިންމާ ނަގާކަން އިއުލާންކުރަމުން ބުނީ ހަމަލާދިނުމަށްފަހު، ހަތިޔާރުއެޅި މީހުން ފިލާފައިވާ ކަމަށެވެ.
މޮސްކޯއަށް ދިން މި ހަމަލާ ތަހުގީގުކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އިޖުތިމާއީ އެއްވުންތައް ނުބޭއްވުމަށް މޮސްކޯގެ މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ފުލުހުންނާއި ތަހުގީގު ޓީމްތަކުން ހިންގާ ހަރަކާތްތަކަށް އާންމުން އެހީތެރިކަން ދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ރަޝިޔާގައި ދިން މި ހަމަލާ ކުށްވެރިކޮށް އެކި ގައުމުތަކުން ގެންދަނީ ބަޔާންތައް ނެރެމުންނެވެ.