ads
އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އަރާ
އިންޑިޔާ ސިފައިން މަސްދޯންޏައް އެރީ ސެޓަލައިޓް ފޯނެއް ހޯދަން: ގައްސާން
ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރައި ބަލައި ފާސްކޮށްފައި ވަނީ ސްޓަލައިޓް ފޯނެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަރިޔާރާއެކު އިންޑިއާ ސިފައިން އަރާފައި ވަނީ މިދިޔަ ޖެނުވަރީ މަހު އެވެ. ބޭރު ސިފައިން އަރާފައި ވަނީ "މާހޯރާ 3"، "އަސުރުމާ 3" އަދި "ނިރު 7" ކިޔާ ތިން މަސް ދޯންޏަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމަށް މިއަދު މަޖިލީހަށް ހާޒިރު ކުރުމުން މިނިސްޓަރު ގައްސާން ވިދާޅުވީ އެކަން ހިނގާފައި ވަނީ މަސްދޯނިތަކުން ސެޓެލައިޓް ފޯނުގެ ސިގްނަލް ލިބުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާގައި ސެޓެލައިޓް ފޯނު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި މަސްދޯނިތަކަށް އަރާފައި ވަނީ ދިވެހި އަސްކަރިއްޔާއަށް އެކަމުގެ މައުލޫމާތު ހިއްސާ ނުކޮށް ކަމަށެވެ 

މަސްދޯނިތަކަށް އަރާ ބޯޑިން ޓީމުން ކޮށްފައި ވަނީ އާދައިގެ ސާޗެއް ކަމަށާއ މަސްދޯނިތައް ބަލައި، އެމީހުންގެ ފޯނުތައް ޗެކުކޮށްފައިވާ ކަމަށާއި، އެމީހުން އެރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޑިލީޓް ކުރުވާފައިވާ ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

" އޭގެ އިތުރަށް ރާއްޖޭގެ ސަރަހައްދު ދިވެހި ދައުލަތަށް ބެލެހެއްޓޭކަމުގެ ޔަގީންކަން އެހެން ގައުމުތަށް ދިނުން ވެސް މުހިންމު ކަމެއް. ރާއްޖެއަކީ މިނިވަންކަމާއެކު އިގްތިސޯދީ ނަފާ ސަލާމަތްތެރިކަމާއެކު ދޭނެ ތަނެއްގެ ގޮތުފައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ފައްޓަވާފައިވާ ކަމެއް" ގައްސާން ވިދާޅުވި އެވެ.


ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުން އެރުމުން މަސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެކަން ހިނގާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައި ވަނިކޮށެވެ. ނަމަވެސް ރާއްޖޭގައި ތިބި ސިފައިންނާ މިހާދިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިނިސްޓަރު މިއަދު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް