ކޮންމެ އަހަރެެއްގެވެސް ރޯދަމަހަކީ ހަރަމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ގިނަވަގެންދާ މަހެކެވެ. ހަރަމްގެ ހަބަރުތައް ގެނެސްދޭ އަލްހަރަމައިނުން ބުނީ މި ރޯދަމަހުގެ އަޅުކަމަށް ހަރަމަށް ޒިޔާރަތްކުރި މީހުންގެ އަދަދުތައް ކޯވިޑްގެ ކުރިން ހުރި އަދަދުތަކަށް އަރާފައިވާކަމަށެވެ.
މި ފަހު ދިހައިގައި ހަރަމަށް ދަތުކުރާ މީހުންގެ އަދަދުވަނީ ބޮޑު ތަނުން އިތުރުވެފައެވެ. ރޭ ހަރަމްގައި ކުރި ދަމު ނަމާދުގައި އެކަނިވެސް ގާތްގަޑަކަށް 2.5 މިލިއަން މީހުން ބައިވެރިވިކަމަށް ހަރަމައިންނުން ބުނެއެވެ. މީހުން ގިނަވަގެން ހަރަމްގެ ގެފުޅު ހުންނަ ބައި ބަންދުކޮށްް މިސްކިތް ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން އަލަށް ހެދި ބަޔަށް ގިނަ ބަޔަކު ނަމާދަށް ފޮނުވާފައިވާކަމަށްވެސް ހަރަަމައިންނުން ބުނެއެވެ.
ރޯދަމަހުގެ އުމްރާގައި ބައިވެރިވުމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ މައްކާއަށް ގޮސްފައެވެ. ހައްޖު ކޯޕަރޭޝަނުން އެކަނިވެސް 255 މީހުން ރޯދައިގެ އުމްރާއަށް ވަނީ ގޮސްފައެވެ. އަދި އެހެނިހެން ގްރޫޕްތައް ހިމެނޭ ގޮތުން ރާއްޖެއިން އުމްރާއަށް ދިޔަ މީހުން ހާހަކަށް އަރާނެކަމަށް ބެލެވެއެވެ.
ރާއްޖެއިން އުމްރާއަށް ދާ ގިނަ މީހުންވެސް މިހާރު އުމްރާއަށް ދަނީ މުޅި ރޯދަމަހާއި 6 ރޯދަ ނިންމާފައި އަންނަގޮތަށެވެ. ފަހު ފަނަރައަށް ދާ މީހުންވެސް އެންބުރި ރާއްޖެ އަންނަނީ މައްކާގައި ޝައްވާލުމަހުގެ 6 ރޯދަ ނިންމުމަށްފަހުއެވެ.