ރޭ އެއީ މި ރަމަޝާން މަހުގެ 27 ވިލޭރެއެވެ. މުސްލިމުންގެ އެންމެ މާތް 3 ހަރަަމްފުޅަށް ދަމު ނަމާދަށް އެތައް ބައެއް ވަނީ ޖަމާވެފައެވެ.
މުސްލިމުންގެ ތިންވަނަ ހަރަމުގައި ފަލަސްތީނު ރައްޔިތުން ނަމާދުކުރަމުން ދިޔަ ވަގުތ ޔަހޫދީ ސިފައިން ދިޔައީ މިސްކިތުގެ ހުރިހާ ސަރަހައްދެއްގައި ހަރަކާތްތެރިވަމުންނެވެ. ނަމާދުގައި ބައިވެރިވުމަށް އިސްރާއީލުން ހުއްދަ ދީފައި އޮތީ 55 އަހަރުން މަތީގައި މީހުންނަށް އެކަންޏެވެ.
މުސްލިމުން އެންމެ މުގައްދަސް ހަރަމް، މައްކާގެ ހަރަމްފުޅުގައި ރޭ ދަމު ނަމާދުގައި ބައިވެރިވި މީހުންގެ އަދަދު 3 މިލިއަނާ ގާތްކުރާކަމަށް ހަރަމްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެއެވެ. އިއްޔެގެ އިރުއޮއްސުނު ވަގުތުން ފެށިގެން މައްކާގެ ހަރަމްފުޅުގެ ނަމާދު ކުރަން އޮންނަ ހުރިހާ ޖާގަތަކެއް ވަނީ ފުރި ބާރުވެފައެވެ. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގެ އިތުރުން ކައިރީގެ ހުރިހާ މަގެއްވަނީ މީހުންނާއިގެން ފުރި ތޮއްޖެހިފައެވެ.
ރޭގެ ވިތުރީގައި ދެ ހަރަމް ބަލަހައްޓަވާ އިސް އިމާމް ޑރ. އަބްދުއްރަހްމާން އައްސުދައިސް ވަނީ 25 މިނިޓަށް ވުރެ ދިގު ވަރަށްވެސް އަސަރުގަދަ ދުއާ އެއް ކުރައްވާފައެވެ. ފަލަސްތީނުގެ އަހުންނާއި އުހްތުންނަށް ނަސްރު ދެއްވުމަށް އެދި މި ދުއާގައި ހިމަނާފައިވެއެވެ.
އަދި މަދީނާގައި ހުންނަ ނަބިއްޔާގެ މިސްކިތަށް އެެރި މީހުންގެ އަދަަދުވެސް 2 މިލިއަނުން މައްޗަށް އަރާކަމަށް ހަބަރުތައް ބުނެއެވެ.
މި ރޯދަމަހުގެ ފުރަތަމަ 20ގައި ހަރަމަށް ޒިޔާރަތްކުރި މީހުންގެ އަދަދު 20 މިލިއަނުން މައްޗަށް އަރާކަމަށް ސައުދީން ބުނެއެވެ.