މޭޒުކައިރީގައި ގޮނޑިއެއްގައި އިށީންދެގެން ފިރިހެނަކު އިނެވެ. އެމީހަކު އިނީ ދޮރާއި ދިމާއަށް އެނބުރިގެންނެވެ. ހިމޭންކަން ނޫނީ އެތަނުގައި ނެތެވެ. ހިނދުކޮޅެއްގެ ތެރޭގައި ދޮރުހުޅުވުނެވެ.
"ޑަން..!" އެތެރެއަށް ދެމިގަތް އަންހެން ކުއްޖާ ބުނެލި އެވެ.
ގޮނޑިން ތެދުވެ، އެ ކުއްޖާގެ އަތުގައި ހިފާފައި ގެނެސް އޭނާގެ އަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ.
"ނާދިފް.. މިއަށްވުރެން އަމިއްލަ ނަފުސު ކުއްވެރިކޮށްފައި ވަނިކޮށް، ދުވަހަކުވެސް އަހަރެން ނުދެކެން.." ހިނިގަނޑެއް ޖަހައިލަމުން އެ ކުއްޖާ ބުނެލިއެވެ.
"ވަރަށް އިނޓެލިޖެންޓް..! ވަރަށް ސްމާޓް..!"
"އައި ނޯ" ކުރިއަށް ވުރެންވެސް ބާރަށް ދެމީހުން ބައްދައިލި އެވެ.
"އަހަރެން މިހައި އިންޓެލިޖެންޓް ނޫންނަމަ، ނޫނީ މިހައި ސްމާޓް ނޫންނަމަ މިހާރު އެ ނާދިފްއަށް އަހަރުމެންގެ ހަގީގަތް އެގި، ފަޅާއަރާފަ އޮންނާނީ.. އެކަމަކު މިގޮތުގައި މިދިޔައީ ކިތައް އަހަރު..؟!"
"އަދި މިހިސާބުން އަހަރުމެންގެ މަސައްކަތް ނިންމާލެވޭކަށް ނެތް.."
"އައި ނޯ"
ދެމީހުންގެ މޫނު ގާތްކޮށްލިއެވެ. ދެވަނަ ސިކުންތުގައި ދެ ހަށިގަނޑު ފެނިގެންދިޔައީ އެއް ހިޔަންޏެއްގެ ގޮތުގައެވެ. ކުރަމުންދިޔަ އަމަލަކީ އެތަނުގައި ތިބި ބަޔަކަށް ބަލަންކެރޭވަރުގެ ކަމެއް ނޫނެވެ.
ޓީވީގެ ސްކްރީން ކަޅުވިއެވެ. އެންމެންގެ ދެ ލޮލާއި ހިތްވެސް ކަޅުވިފަދަ އެވެ.
އަހަރެންގެ ހިތުގެ ރިހުން ތަހަންމަލް ކުރެވޭވަރަށް ވުރެން ބޮޑެވެ. ލިބުނު ޝޮކްގައި ހިތް ހުއްޓުނު ފަދައެވެ. މި ރިހުމަށް ކެތެއް ނުކުރެވޭނެއެވެ. އަހާންވެސް ހެއްޔެވެ؟
އެހެންމީވާ ޕްރީޝާއަށް އެ އަންނަނީ އަހާންގެ ކޯލްތަކެއްކަން ޔަގީންވިއެވެ. އަހަރުތަކެއް ވަންދެން އަހަރެންގެ ދިރިއުޅުމުގައި މި ދެމީހުން ކުޅެމުން މިއައި ކުޅިވަރުގެ ކުޑަވެސް ހިލަމެއް ނުވެއެވެ.
އަމިއްލަ ހަށިގަނޑު މިވަގުތަށް ކޮޅަށް ބަހައްޓަން މަޖުބޫރެވެ. އެންމެ އެތެރެއިން ހަށިފުރައި ނޭވާއެއް ލެވޭތޯ މަސައްކަތް ކުރީމެވެ. އިހުސާސްވަމުންދިޔައީ ހަށިގަނޑުގެ ކޮންމެ ލޭނާރެއް ކެކެމުންގޮސް ބޮލަށް ޖަމާވަމުން ދިޔަކަމެވެ. ސިކުނޑިއަށް ބާރުބޮޑުވެ ނިއްކުރި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެނެވެ. ޓީވީގެ ކަޅު ސްކްރީނަށް އަހަރެން ބަލައިލީމެވެ. ހޫނު އާވިން އަހަރެންގެ ދެ ލޯ ފުރިފައިވެއެވެ.
"ނާދިފް.. މިއީ.. މިއީ ފޭކް ވީޑިއޯއެއް.. އަހަރުމެން ތެރޭގައި މައްސަލަތައް އުފައްދައި ފިތުނަކުރަން އޭނާ އެ އުޅެނީ.." ޕްރީޝާ ބުނާ އަޑު އިވުނެވެ.
އަހަރެންގެ ދެއަތް ދެއަތާއި ހާކާލީމެވެ. ދެއަތުގެ ތެރޭގައި މޫނު ފޮރުވާލާފައި ޕްރީޝާއާއި ކުރިމަތިލީމެވެ. މިހާރުވެސް އެ ހަދަނީ ދޮގުކަން އެނގިހުރެ އެވެ.
"ޕްރީޝާ.. ޖަސްޓް.. ލީވް.." އަމިއްލަ ނަފުސު މައިތިރިކުރާން މަސައްކަތް ކުރަމުން ބުނެލީމެވެ.
"ނާދިފް.. ހަމަ އެންމެ ފަހަރަކު.. އަހަރެންގެ އަޑު އަހާލަބަލަ.. ހަގީގަތް އަހަރެން ބުނެދޭނަނ.." ދެލޮލުން ކަރުނަތައް ފޮހެމުން އޭނާ އާދޭސްކުރާން މަސައްކަތްކުރި އެވެ.
"މިޒްރާ އެ ހަދަނީ ކަނޑައެޅިގެން ދޮގު.. ޝީ އިޒް ޖަސްޓް ޖެލަސް.. އަހަރެން ނާދިފްއަށް އެހެން ހަދާނެހެން ހީވޭތަ..؟ އިތުބާރުކުރޭ ޕްލީޒް.. އަހާން އަށްވެސް އިތުބާރުކުރޭ.. މިޒްރާއަކީ ހަސަދަވެރިއެއް.. އޭނާ އެހަދަނީ ދޮގު" ޕްރީޝާގެ މަސައްކަތައިގެން އޭނާ ކުރިއަށް ދިޔައެވެ.
ގައިގަ ހުރިބާރެއްލާފައި ޕްރީޝާގެ ދެއަތުގައި ހިފާފައި އަހަންނާއި ގާތަށް ދަމައިގަތީމެވެ. ކިތަންމެ ތަދުވިޔަސް ފަރުވާލެއް ނެތެވެ.
"ބުނަންތަ... އަހަންނަށް އިހުސާސް ކުރެވިއްޖެ، ކަލެއަށް މިވަރުގެ ވަގުތުކޮޅެއްވެސް އަހަރެންގެ ހަޔާތުން ހައްގު ނޫން ކަމަށް.. އަހަރުމެން ދެމީހުން ދެމެދުގައި ވަރަށް ރީތި އަދި އުފާވެރި ހަނދާންތަކެއް މާޒީގައި ހުރެދާނެ.. އެކަމަކު އެއިން އެއްވެސް ކަމެއްގައި އަހަރެން ބޭނުންވި ކޮންމެ ފަހަރަކު ކަލޭ އަހަރެން ހުއްޓުވި..! އަހަރެންގެ ސިކުނޑިއަށް އެކަންކަން ނަގައިގަނެވުނު ނަމަ މިދުވަސް ނާންނާނެ! އަހަރުމެން ދެމީހުން ތެރޭގައި ހިނގާފައިވާ ހުރިހައި ކަމެއްގައި ނިންމުމުގެ ސިއްކަ ޖެހުވި މީހަކީ ތިއީ..! ޔޫ ފިނިޝްޑް އިޓް..! ފަހަރެއްގައި އަހަރެންގެ މި ބަލިކަށި ހިތުން އެ ހަނދާންތައް ދުވަހަކުވެސް ނުފިލާ ހުރެދާނެ.. ބަޓް ޓްރަސްޓް މީ އޮން ދިސް..! އަހަރެންނަށް ޕްރީޝާ ތިޔަ ދިން އަނިޔާތަކާއި ހިތާމައާއި ހިއްދަތިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ.. ޕްރީޝާ އަހަންނަށް ތިޔަދިނީ ދުވަހަކުވެސް.. ދުވަހަކުވެސް އެއްވެސް އިންސާނަކު ނުދޭވަރުގެ ނިކަމެތިކަމެއް.. އަދި ތިޔަ މަކަރުވެރިކަން ދުވަހަކުވެސް ހަނދާނުން ނުފިލާނެ.."
އެއާއެކު އަހަރެންނާއި ދުރަށް އޭނާ ކޮށްޕާލީމެވެ. އަދި އަހާން އާއި ކުރިމަތިލީމެވެ. އެއީ އަހަރެންގެ ބަޑީއެވެ.
"އަހަރެންގެ މި އަނިޔާތަކުގެ ލިސްޓުގައި ހަމައެކަނި މަދުވާ މީހަކީ ތިއީ.."
މަލާމާތުގެ ރާގުގައި އަހަރެން ބުނެލީމެވެ. އެމީހުންގެ ކުރިމަތީގައި ކޮޅަށް ހުންނާނެ ބާރެއް އަހަރެންގެ ދެފަޔަކު ނެތެވެ. ދެ ލޮލުން ހޫނު އާވި ނިކުންނަނީއެވެ. ހަތަރެސްފައި ތުރުތުރު އަޅަނީއެވެ. އެކަމަކު އެމީހުންގެ ކުރިމަތީގައި ކުދިކުދިވާކަށްވެސް ބޭނުމެއް ނޫނެވެ. ވީ އެންމެ އަވަހަކަށް އެތަނުން އަހަރެން ދުރަށް ދިޔައީމެވެ.
..............
ނާދިފްގެ ގެއިން އޭނާ ނިކުމެގެން ދިޔަތަން ބަލަން އަހަރެންވެސް ހުރީމެވެ. އޭނާ ހުއްޓުވާން ބޭނުންވިއެވެ. ހުރިހައި ކަމެއް ދެން ރަގަޅުވަމުންދާނެ ކަމަށް ބުނެދޭންވެސް ބޭނުންވިއެވެ. އެކަމަކު، އެކަމަށް މިއީ އެންމެ ރަގަޅު ވަގުތު ނޫންކަންވެސް ގަބޫލުކުރަމެވެ. އޭނާ ހަމަޖެހިލުމަށް ވަގުތު ބޭނުންވާނެ އެވެ.
ކޮންމެ ގޮތެއްވިޔަސް، އެންމެ ފަހު ވަގުތު ނާދިފް އެނބުރި އަންނާނީ މި ގެއަށެވެ.
މަހެކް އަދި އަމަން ދުވެފައި އެ ނިކުތީ ނާދިފްގެ ހިމާޔަތުގައިކަމަށް އަހަރެން ހީކުރީމެވެ.
ހުޅުވިފައިވާ ދޮރުން އަހަރެންގެ ނަޒަރު ބަދަލުކޮށްލީ ޕްރީޝާއަށެވެ.
ކަތުރުކަށިގަނޑަށް ބާރުކޮށް ދަތްކުނޑިވިކާލާފައި އޭނާއާއި ދިމާއަށް ދިޔައީމެވެ.
"ހަމަ މިހާރު މި ގެއިން ނިކުމޭ..!" ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްފައި އަހަރެން އަމުރުކުރީމެވެ.
"މިޒްރާ.."
މިވަގުތު އަހަރެން މިހުރީ އޭނާގެ ކުޅިވަރު ބެލުމުގެ ޝައުގުވެރިކަމެއްގައި ނޫނެވެ.
"ލީވް...!!!" ކުރިއަށްވުރެން ހަރުކަށިކޮށް ބުނެލީމެވެ.
ނުރުހުމުގެ ނަޒަރަކުން އަހަރެންނާއި ދިމާއަށް ލޯ އަޅާލާފައި އަހާން އާއެކު ޕްރީޝާ ނިކުމެގެން ހިގައްޖެއެވެ.
ގޭގެ ދޮރު ލައްޕާފައި އަހަރެން ދިޔައީ ކޮޓަރިއަށެވެ. އެނދުމަށްޗަށް ވެއްޓިގަނެވުނީ ބޮލުން އަރަމުންދިޔަ އާވިން ސަލާމަތްވާންކަމެއް ނުވަތަ ނޫންކަމެއް ނޭގެއެވެ. ވޭން އަޅަމުންދިޔަ އަހަރެންގެ ފަޔަށް ބަލައިލީމެވެ. ކުއްލިޔަކަށް ހަނދާނަށްއައީ މާމަގެ ނަސޭޙަތެކެވެ.
"ބައެއް ޙާލަތްތަކުގައި ކެތްރިކަމާއެކު ވިހި ސިކުންތު ހިތްވަރުކޮށްލާށެވެ. ބުއްދިވެރިކަމާއެކު ވިހި ސިކުންތު ވިސްނާށެވެ. މިއީ ވަޢުދެކެވެ. އެންމެ ބޭނުންވި ހައްލު އޮންނާނީ ތިބާއާއި ދާދި ގާތުގައެވެ."
ތެދެކެވެ. އެއީ ތެދެކެވެ. ގަބޫލުކުރާން އުނދަގުލަސް އެއީ ތެދެކެވެ. އެންމެފަހުން، އަހަރެންގެ ވަޢުދު އަހަރެން ފުއްދައިފީމެވެ. މޭޒުމަތީގައި އޮތް ޑައިރީ ނަގާފައި ބައްދައިލީމެވެ. އަދި އޭގެ ސަފްޙާތައް ހުޅުވައިލީމެވެ. ފޯނު ރިންގުގެ އަޑު އަހަރެންގެ ޝައުގުވެރިކަން ބަދަލުކޮށްލި އެވެ.
އެއަޑު އަހަރެންގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. އަޑުއަހާން ބޭނުންނުވިޔަސް، މަސްޢޫލުވާން ހިތް ނޭދުނަސް އެ ކޯލުގައި ވަގުތު ހޭދަކުރުން ނޫން ގޮތެއް ނެތެވެ.
"ބޭނުންވި ގޮތަށް ހުރިހައި ލިޔެކިޔުމެއް ތައްޔާރުކޮށް ނިމިއްޖެ.. އެކަމަކު އަދިވެސް އެއްފަހަރު މިކަމާމެދު މިޒްރާ ފުންކޮށް ވިސްނާލުމަކީ އަހަރެންގެ އެދުމެއް" ޤާނޫނީ ވަކީލު ބުންޏެވެ.
ކުޑަދޮރުން ބޭރަށް ބަލައިލީމެވެ. އޭނާ އަހަރެން ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެއެވެ. އަހަރެންގެ މޮޔަހިތުގެ ކޮންޓްރޯލް އިޚްތިޔާރުން ބޭރުވެއްޖެއެވެ. ފަހުގެ ނިންމުން ބުނެލުމުގެކުރީން ފުންނޭވާއެއް ލެވުނެވެ.
"ޔެސް.. ޔެސް.. މިއީ ހަމަ އެންމެ ފަހުގެ ނިންމުން"
"އޯކޭ ދެން.. މިރޭ ހުރިހާ އެއްޗެއް ހަވާލުކޮށްދޭނަން"
"ތޭންކް ޔޫ"
"ޓޭކް ކެއަރ މިޒްރާ"
"ޔަޕް.. ޔާ.."
އަހަރެން ފޯނު ކަނޑާލީމެވެ. ލޯބިނުވާންޖެހޭ މީހަކުދެކެ ލޯބި ވެވުމަކީ މިއީ ހެއްޔެވެ؟ މިހެން މި ދިމާވީ ކީއްވެ ހެއްޔެވެ؟
މިއީ މިދުނިޔޭގައި އަހަންނަށް ހުރި ގޮތެވެ! ނަސީބުގައި ލޯބި ލިޔުއްވާފައި ނެތް ހަޔާތެއްގައި ދިރިއުޅެ ނިމިގެން ދިއުމެވެ. އާއިލާގެ އެންމެން އަހަންނާއި ވަކިވެގެން ދިޔައީއެވެ. އެކަމަކު ނާދިފް އަހަރެންގެ ހަޔާތާއި ވަކިވުމުގެ ހަގީގީ އަސްލެއް ނުވިސްނެއެވެ. އެންމެ ހިނދުކޮޅަކަށްވެސް ނާދިފްއާއި ވަކިވާކަށް މިހިތެއް ނޭދެއެވެ. މި ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ނާދިފްއަށް އިންތިޒާރުކުރެއެވެ. އަހަރެންގެ ފަހު ނޭވާއަށްވެސް އިންތިޒާރު ކުރާނަމެވެ. މި ހަޔާތުގައި އެހެން ނަމެއް ދުވަހަކުވެސް ދެން ލިޔެވުމެއް ނެތެވެ.
"ހަމްދަރުދީ" ނޫން އެހެން އެއްވެސް އިހުސާސެއް އަހަރެންނާއި މެދު ނާދިފްގެ ހިތުގައި ނުވެއެވެ. ރެއާއި ދުވާލު އަހަރެންގެ ސޫރަ ފެނުމުން ނާދިފްއަށް ވާނީ އުނދަގުލެވެ. މި ދިރިއުޅުމުން އަހަރެން ދިއުން ފިޔަވައި އެހެން އެއްގޮތެއްވެސް ނެތެވެ.
.......................
ގެއިން ނިކުތީމެވެ. ނަމަވެސް ދާންވީ ދިމާލެއް ނުވަތަ އެނބުރެންވީ މިސްރާބެއް ނޭގުނެވެ. މިހާލަތުގައި ކާރު ދުއްވުމުގެ ނުރައްކާ ވިސްނުނީތީ ޝުކުރު ކުރަމެވެ. ކުރިއަށް ހިނގަން ފެށީމެވެ. ވަކިހިސާބަކަށް ދެވުމުން ދެ ފަޔަށް ބަލައިލީމެވެ. ކަނާތުން-ވާތަށް، ވާތުން-ކަނާތަށް ދެފައި ހަރަކާތްކުރަމުން ދިޔައެވެ. ކުރިއަށްވުރެން އެ ހަރަކާތްތައް އަވަސްކޮށްލީމެވެ. ކަރުނަ ހިފެހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބުވިތާ ކިތަންމެ އިރެކެވެ.
ބައިގަޑީރު ނުވަތަ ސާޅީހަކަށް މިނެޓްހާއިރު ހިނގުނުފަހުން ފަޔަށް ބަލައިލެވުނީ ތަފާތުކަމެއް އިހްސާސް ކުރެވުނީމައެވެ. މަޑު ވެލިގަނޑެކެވެ. ކުރިމައްޗަށް ބަލައިލެވުނެވެ. ފެންނާން އޮތީ މޫދެވެ. ރަސްފަންނުގެ ގޮނޑުދޮށަށް އާދެވުނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. ކަނޑުގެ ސާފުވަޔާއި ރާޅުގެ ހިތްގައިމު ވަހުން ނާރުތަކަށް ދިރުމެއް ލިބުނެވެ. އެކަނިވެރިކަން އިހުސާސްވީ ހިތުގެ އަޑު އިއްވާލާނެ އެކަކުވެސް ނެތްކަން އެނގުމުންނެވެ.
ދުރުދުރުން ފެންނަމުންދިޔަ އުޅަނދުތަކަށް ބަލައިލަމުން ދެ ލޯ މަރައިލީމެވެ. ޕްރީޝާއާއެކު ހޭދަކުރެވުނު ވަގުތުތައް ލޯކުރިމަތީގައި ސިފަވާނެކަން އެނގިހުރެއެވެ. އެކަމަކު ހައިރާންވީ އެއިން އެއްވެސް މަންޒަރެއް ނުވަތަ ހަނދާނެއްވެސް އާ ނުވީތީއެވެ. އަހަރެންގެ ލޮލުގައިވަނީ އަނދިރިކަމެވެ. ސިކުނޑީގައިވެސް ވަނީ އަނދިރިކަމެވެ. ހިތުގައި ވަނީ ހުސްކަމެވެ.
މާޔޫސްކަމާއެކު ކަނޑުގެ ހިމޭން ރާޅުތަކަށް ބަލައިލީމެވެ. ހަމަހިމޭން ލޮނުގަނޑުގެ ރަހައާއި އަމާންކަމުގެ އަސަރު އަހަރެންގެ މޫނާއި ހަމައަށް ފޯރިއެވެ. އެކަމަށް ޝަކުވާއެއްވެސް ނެތެވެ. އަހަރެންގެ ރިހުމުގައި ލޮނުގަނޑުވެސް ބައިވެރި ވަނީއެވެ. އެއް ރާޅު އަނެއް ރާޅާއި މައްލަވަ ކޮށްލައި ގޮތްތަކަށް ވިސްނީމެވެ. މަންމައެއްގެ އޯގާތެރި ފިރުމުންތަކުން ދަރިއެއްގެ ރިހުން ލުއިކޮށްދެނީކަމުގެ އިހްސާސްކުރެވުނެވެ. އެކަމަކު މިދުނިޔޭގައި އަހަރެންގެ ހުރީ ކާކު ހެއްޔެވެ؟
ވިސްނަމުން ފިކުރު ހިންގަމުން ވަގުތު ހޭދަކުރީމެވެ. މިއީ އަހަރެންނަށްޓަކައި އަހަރެން ދިރިއުޅެންވީ ވަގުތެވެ. މައިންބަފައިންގެ ލޯތްބާއި ނުލައި އަހަރެންގެ ދިރިއުޅުން އާރާސްތު ކުރަންވީ ވަގުތެވެ. ބުއްދިވެރި ސިކުނޑިއަކުން ވިސްނައި ހަރުދަނާ ދިރިއުޅުމަކަށް އަހަރެން މަސައްކަތްކުރާންވީ ވަގުތެވެ. ދަތުރު ކުރާންވީ މަގު، އަހަރެން އަމިއްލައަށް ކޮށައި އަލިކުރާންވީ ވަގުތެވެ. ތަގުދީރުގައި މާދަމާއަށް އޮތް ރޭވުންތަކެއް ނޭގެއެވެ. އެކަމަކު އަހަރެން ބަދަލުވާން ޖެހެއެވެ. ހެޔޮމަގަށް ރުޖޫއަވާން މަޖުބޫރެވެ. މިއީ ހަޔާތުގެ އެ ވަގުތެވެ. އަހަރެންގެ ދިފާއުގައި އެހެން މީހެއްގެ އެހީތެރިކަމެއް މިދަތުރުގައި ބޭނުމެއް ނުވެއެވެ. ﷲގެ އިރާދަފުޅާއެކު އަހަރެންގެ މިއުޒިކު އަހަންނަށް އަމާންކަމާއި ކާމިޔާބު ގެނެސްދޭނެއެވެ.
.................
ރޭގަނޑުގެ ވަގުތެވެ. ގަޑިން ދިހައެއްޖަހައި ބޮޑުވެއްޖެއެވެ. ނިންމާން ހުރި ހުރިހައި ފައިލެއްގެ މަސައްކަތް ނިމިއްޖެއެވެ. މި ފައިލްތައް ބަޤްޝޫރާ މެޑަމްއާއި ހަވާލުކުރާނީ އަހަރެންނެވެ. ސީސީޓީވީގެ ފުޓޭޖްތައް ބަލަމުން ދިޔައިރު، މިފައިލްތަކުގެ މަސައްކަތުގެ ހުރިހައި ހަގީގަތެއް މެޑަމްއަށްވަނީ އެނގިފައެވެ. އެހެންވީމާއި ފޮރުވުމެއް ނެތި މިކަން ކޮށްލުމުގައި އުނދަގުލެއް ނެތެވެ.
ދޮރު ނުލައްޕާ ބަހައްޓާފައި ސޯފާގައި އަހަރެން ހަމަޖެހިލީމެވެ.
ހުދު ސީލިންގއަށް ބަލައިލީމެވެ. އަހަރެންގެ ވަށައިގެން ހިނގަމުންދިޔަ ކަންކަމާމެދު ވިސްނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެ ފިކުރުތަކުން އެއްކިބާއެއްވެސް ނުވެވުނެވެ. ގަބޫލުކުރަމެވެ. ދިރިއުޅުމާމެދު ފުންކޮށް ވިސްނަންވީ ވަގުތަކީ މިއެވެ. ހަޔާތުގައި އަހަންނަށް މިކުރެވެނީ ކީއްހެއްޔެވެ؟ ރެއާއި ދުވާލު އެހެންމީހުންގެ ކަންކަމާއިގެން ތެޅިފޮޅެ، އެކަންކަން ހައްލުކުރާން މަސައްކަތް ކުރުން ހެއްޔެވެ؟
މިއީ އަހަރެންގެ ބަލިފައެއް ހެއްޔެވެ؟ ނޫނީ މިއީ އަހަރެންގެ އެންމެ ބޮޑު 'މި - ސް – ޓޭ - ކް' ހެއްޔެވެ؟
ފިކުރުތަކުގެތެރޭގައި ވަނިކޮށް ބެލް ޖަހައިލި އަޑު އިވުނެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ ވަކީލެވެ.
ހިނިތުންވުމާއެކު އިޝާރާތް ކޮށްލުމުން އޭނާ އެތެރެއަށް ވަނެވެ.
"މިޒް.. އަދިވެސް ވިސްނާލާ.. މިއީ ކުޅޭ ކުޅިވަރެއް ނޫން.. ވަރަށް މާތް ގުޅުމެއް! އަންބަކު އަމިއްލަޔަށް މިވަރު ނިންމުމެއް ނިންމުން އަހަރެން ގަބޫލެއް ނ..." އެކުވެރިޔާގެ ނަސޭހަތް ނިންމަން އަހަރެން ފުރުސަތެއް ނުދެމެވެ.
"ދި މެރިޖް ވޯޒް ޖަސްޓް އަ ޑީލް..! ލޯތްބެއް، އިޙްތިރާމެއް، އޯގާތެރިކަމެއް ނެތް ގުޅުމެއް.. ކުޑަމިނުން އިންސާނިއްޔަތު ކަމެއްވެސް މި ގުޅުމުގައި ނެތް...! ލިޔުންތައް..؟!" އޭނާއާއި ދިމާއަށް އަތް ދިއްކޮލަމުން އެ ލިޔުންތައް ހަވާލުކޮށްދިނުމަށް އެދުނީމެވެ.
އަހަރެންގެ ހުށަހެޅުމަށް އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް އޭނާގެ ދަބަހުން ލިޔުންތައް ނެގުމަށް ގުދުވި ވަގުތު އޭނާގެ ފުރަގަހުން އިތުރު މީހަކު އަހަރެން ދުށީމެވެ. ދެ ލޯ ބޮޑުވީ މިވަގުތު އޭނާގެ ހާޒިރުގައި މިކަން ކުރާން ޖެހުނީމަ އެވެ.
"ނާދިފް"
އެތެރެއަށްވަދެ ތަފާތު ނަޒަރަކުން އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. ދެ ލޯވަނީ ރަތްވެ ދުޅަވެފައެވެ. އެ ލޮލުން މިވަގުތު އެއްވެސް އެއްޗެއް އަހަންނަކަށް ނުފެނުނެވެ. ރީތި އެ ލޮލުގައި ވަނީ އިހުސާސެއް ނެތް ހުސްކަމެކެވެ.
ހިތުން ދުޢާކުރެވެމުންދިޔައީ އަހަރެންނާއި ޝަނާޔާއާއި ދެމެދުގައި ދެކެވުނު އެއްވެސް ވާހަކައެއް ނާދިފްއަށް އަޑުއިވިފައި ނުވުމަށެވެ.
"މިއޮތީ.." ޝަނާޔާ ބުނެލި އެވެ.
"އޮފީސް ޕޭޕަރސް" ޖެހިލުންވުމާއެކު، ހުދުކުލައިގެ ސިޓީ އުރައިގައި ހިފަމުން ނާދިފްއަށް ބަލައިލާފައި އަހަރެން ބުނެލީމެވެ.
ފަރުވާކުޑަ ބެލުމަކުން ބަލައިލަމުން އެއްވެސް އެއްޗެއް ނުބުނެ ނާދިފް އެތެރެއަށް ވަދެގެން ހިނގައްޖެ އެވެ.
"ހަޒްބަންޑް..؟!" ޝަނާޔާ އަހައިލިއެވެ. އާއެކޭ ބުނުމަށް އަހަރެން ބޮލުން އިޝާރާތްކޮށްލީމެވެ.
ޝަނާޔާ ނިކުމެގެން ދިޔައުރުވެސް އިސްއުފުލާ ބަލައިލާން ނުކެރުނެވެ. ސިޓީއުރައިގައި ހިފުމާއެކު އަހަރެން ތުރުތުރުއަޅާން ފެށިއެވެ. ލޮލުން ފޭބި ކަރުނަ، ސިޓީއުރައިގެ ނިޝާންތައް ފަވަމުންދިޔަ އެވެ.
................
އެނދުގައި ފޮރުޅިފުރޮޅި އޮތީމެވެ. ލޮލަކަށް ނިންޖެއް ނައެވެ. ނިދި އަންނާނީވެސް ކިހިނެއް ހެއްޔެވެ؟ ނާދިފްގެ ހާލު ދެކިލުމަށް އެދި މުޅި ހަށިގަނޑު އެދި އާދޭސް ކުރަނީއެވެ. ހިތުގެ ރިހުން ލުޔެއް ނުވިއެވެ. ކެތްކުރާން ދަތިވުމުން ތެދުވީމެވެ.
ފައިގެ ރިހުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. އެކަމަކު ދިރިއުޅުމުގެ މި މަރުހަލާގައި އެންމެ މުހިއްމުކަންކަން ނުކޮށް ދޫކޮށްލެވޭކަށް ނެތެވެ.
ދޮރުހުޅުވާލާފައި އެތެރެއަށް ބޯ ދިއްކޮށްލީމެވެ. ނާދިފް ފެންނާކަށް ނެތެވެ. ހުއްދައަކާއި ނުލައި އެތެރެއަށް ވަނީމެވެ. ކޮޓަރީގެ ތަރުތީބަށް ބަދަލެއް އައިސްފައެއް ނެތެވެ. އަހަރެން ސާފުކުރިގޮތަށް އެތަން އެއޮތީ އޮމާންކޮށެވެ.
ފާޚާނާއިން ފްލަޝް ކޮށްލި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަމައެވަގުތު ދޮރުހުޅުވާލާފައި ނާދިފް ނިކުތެވެ.
ކުއްލިޔަކަށް އަހަރެން ފެނުމުން އޭނާ ހައިރާންވިއެވެ. އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހިލުމުގެ ނޭވާއެއް ލިއެވެ. އަހަރެން ހީކުރީ އެއްޗެހި ކިޔައި ހަޅޭއްލަވާފައި ވަގުތުން އެތަނުން ނެރޭނެ ކަމަށެވެ.
ޑްރެސިން ޓޭބަލް ކައިރިއަށް ޖެހިލާފައި އޭނާގެ އިސްތަށިގަނޑު ހަމަޔަކަށް އަޅުވައިލާފައި އަތާއި ފައިގައި ނައިޓް ކުރީމް ހާކާލިއެވެ.
"ނާދިފް"
އަޑުއިވޭކަމަށްވެސް ނުހެދިއެވެ. ޔާﷲ ނާދިފްގެ ރިހުން ލުއިކުރައްވައި އޭނާއަށް ހިތްހަމަޖެހުން މިންވަރު ކުރައްވާ، ދިރިއުޅުން ފަސޭހަކުރައްވާން ދޭވެ!
އަހަރެންގެ ބޭނުން ފުދިއްޖެއެވެ. އެނގެން ބޭނުންވީ ނާދިފް ރަގަޅުތޯ ނުވަތަ ނޫންތޯއެވެ. ފެންނަފެނުމަށް މިވަގުތަށް އޭނާ "އޯ-ކޭ"އެވެ.
ކޮޓަރިން ނިކުތުމުގެ ކުރީން ނާދިފްއަށް އަހަރެން ބަލައިލީމެވެ. އެތަނުގައި ހުރުމުގެ އިތުރު ބޭނުމެއް ނެތްކަން އެނގުނެވެ. ނިކުންނާން ހިނގައިގަތް ވަގުތު އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރީ ނާދިފްގެ އަޑު އިވުމުންނެވެ.
"މިޒްރާ"
ފަސްއެނބުރި ބަލައިލީމެވެ. އަހަރެންނާއި ދިމާއަށް މަޑުމަޑުން ހިނގާލާފައި ނާދިފް އަންނަނީއެވެ. ހަމަ އެ ސިކުންތުގައި އޭނާގެ ދެއަތުގެ ތެރޭގައި އަހަރެން ބޮނޑިކޮށްލި އެވެ.
-ނުނިމޭ-