ads
ރައީސް ޑރ. މުއިއްޒު
ރައީސްގެ އެދުމެއް؛ ނަތީޖާ ނެރެދޭނެ މަޖިލީހެއް ހޮއްވަވާ
ސަރުކާރުގެ މަޝްރޫއުތަކަށް އިދިކޮޅު ހަދައި، ވަގުތު ބޭކާރު ކުރާނެ މަޖިލީހެއް ނުހޮވައި، ނަތީޖާ ނެރެދޭނެ މަޖިލީހެއް ހޮވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.

ސަރުކާރުގެ ކޯލިޝަންގެ ތާއީދާ އެކު، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާފަންނު އުތުރަށް ވާދަކުރައްވާ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިނު ޖަލްސާގައި ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއަކުން ވެސް ހޮވަންވީ، ސަރުކާރަށް އިހުލާސްތެރިވާނެ އަދި އެއްބާރުލުން ދޭނެ މެންބަރުންތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރަނީ އަބަދު ވެސް ސަރުކާރުގެ ފިކުރާ ދެކޮޅަށް ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ނުދިނުމާއި, ބަޖެޓުން އެ މަނިކުފާނު ބޭނުންފުޅުވި އެތައް ކަމެއް އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތް ނޫންކަން ފާހަގަކުރައްވާ ރައީސް އެދިވަޑައިގަތީ ވަގުތު ބޭކާރު ކުރާ މަޖިލީހެއް ނުހޮވައި، ނަތީޖާ ނެރެދޭނެ މަޖިލީހެއް ހޮވުމަށެވެ.

"އަޅުގަނޑުމެން މިތިބީ ނަތީޖާ ނެރެދޭން. އަޅުގަނޑުމެންނަށް ހުރިހާ ވެސް އެއްޗަކީ ނަތީޖާ،" ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ، ސަރުކާރާ ފިކުރު ދިމާނުވާ ބަޔަކު ހޮވައިފި ނަމަ ތަރައްގީއަށް އެއްވެސް ގެރެންޓީއެއް ނެތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ވޯޓު ދޭނީ ތަރައްގީގެ ފިކުރަށް ކަން ޔަގީން ކުރައްވާ ކަމަށާއި ބޭނުންވަނީ އަމާންކަމާއެކު ގައުމު ގެންގޮސް، ރައްޔިތުން ބޭނުންވާ ނަތީޖާ ދައްކައިދިނުމަށް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މީގެ ކުރިންވެސް ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރެއްވި ޒިންމާތައް ފުރިހަމައަށް އަދާކުރައްވާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ސަރުކާރަށް އެއްބާރުލުން ދިނުމުގެގޮތުން ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް