ads
ރޭ ފުވައްމުލަކުގައި ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
މި ސަރުކާރަށް ގައުމެއް ހިންގާނެ ގޮތެއް ނޭނގޭ: ފައްޔާޒު
މި ސަރުކާރަށް ގައުމެއް ހިންގާނެ ގޮތެއްވެސް ތަރައްގީކުރާނެ ގޮތެއްވެސް ނޭނގޭ ކަމަށާއި މަޝްރޫއުތަކަށް ފައިސާ ހޯދާ އެކަންކަން ކުރިއަށް ގެންދާނެ ގޮތެއްވެސް ނޭނގޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކުގައި ރޭ ބޭއްވި އެ ސިޓީގެ މެދު ދާއިރާގެ ހަރުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުދީ އެމްޑީޕީ މެންބަރުން މަޖިލީހުގައި ތިބެގެން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ނިކުމެ މި ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށްވާނަމަ އުމްރާނީ ތަރައްގީއެއްވެސް ނުލިބޭނެ އަދި އަޅުގަނޑުމެންނަށް ލިބިފައިމިވާ މިނިވަންކަމާއި ހައްގުތައް ވަރަށް އަވަހަށް ގެއްލިގެންދާނެކަމާ ދޭތެރޭ ކުޑަކޮށްވެސް ޝައްކު ނުކުރައްވާތި،" ފައްޔާޒް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތަކާ ދުރުވެ، ރައްޔިތުންގެ ބާރު ހަނިކުރާ ކަމަށާއި އަދި ލާމަރުކަޒީ ސިޔާސަތު އެފުށް މިފުށަށް ޖަހާކަމަށް ވެސް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ. މާލޭގައި ތިބެގެން ހުރިހާ ރަށެއްގައި ކަންކަން ނުހިންގޭނެ. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ މަންދޫބުން ރަށު ފެންވަރުން ފެށިގެން ގޮސް މަޖިލިސްއާ ހިސާބުން ސަރުކާރަކަށް ގެންގޮސްގެން، ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ފުރިހަމަކޮށް އެކަން ކުރެވޭނީ،" ފައްޔާޒު ވިދާޅުވި އެވެ.

ތަރައްގީ ގެނެވޭނީ ސަރުކާރާއެކު މެންބަރުން ތިބެގެންކަން ވިސްނައި ދެމުންދާ ކަމަށާއި އެއީ ހަގީގަތެއް ނަމަ، 18 ވަނަ މަޖިލީހުގެ ދައުރުގައި ފުވައްމުލަކު ތަރައްގީ ވާނެ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ރައްޔިތުންގެ ވާހަކަ ނުދެއްކި ނަމަވެސް، ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން އެމްޑީޕީގެ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ދަނިކޮށް ހިނގައިދިޔަ ކަންކަމާއި ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ އެކަމުން ފެނިގެންދިޔައީ ރައްޔިތުންނަކީ ބައެއް ކަމަށް ނުބަލައި ބާރު ގަދަކުރާތަން ކަމަށެވެ. 

ރައްޔިތުންގެ ބާރު ދެމެހެއްޓޭނީ އިންތިހާބުތަކުން ކަމަށާއި ހުދުމުހުތާރު ވެރިކަމަކަށް ދިޔަ ނުދިނުމަށްޓަކައި އަބަދުވެސް ވޯޓުލުމުގެ ހައްގު ބޭނުން ކުރަންޖެހޭ ކަމަށާއި އިންތިހާބުތަކަށް ނުކުތުމާއި ވޯޓުލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް