އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫ ގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވޭނީ ދެކުނާއި އުތުރުގެ ހަތަރު އަތޮޅު އަދި މެދުއަތޮޅުތަކުގެ ހަތް އަތޮޅު ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅުގެ މައި ހަބަކީ އައްޑޫ ސިޓީ ކަމަށާ އައްޑޫ ސިޓީގެ ތަރައްގީއަށް އެމަނިކުފާނުގެ މެނިފެސްޓޯ ގައި މުހިންމު ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެއީ ޕްލޭން ކޮށް ލިޔެފައިވާ މަޝްރޫއެއް ކަމަށާ އެއީ ހަގީގަތަކަށް ހެދޭނެ މަޝްރޫއުތަކެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި "ދެބަދޭތެރޭ" ގައި ތިބޭ ބަޔަކަށް ވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށާ ހަގީގީ މާނާގައި ތަރައްގީ ގެނެސް ދެއްވުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ހަފްތާ 14 ގައި ބޮޑެތި މަޝްރޫއުތައް ހިމަނައިގެން ސަރުކާރުން މަސައްކަތް ފެށީ ބަދަލެއް ގެނައުމަށެވެ. އެ މަސައްކަތުގެ ދަށުން ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެތަނުގެ ކަނޑު އަޑީގެ ސާވޭ ހަދައި، ޑިޒައިނިން މަސައްކަތުގެ ތިން ބައިކުޅަ އެއް ބައި މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ އިހްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެހެންކަމުން އެއްވެސް މަޝްރޫއެއް ފަސްނުކޮށް އަދި އެއްވެސް ވަގުތެއް ބޭކާރު ނުކޮށް މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށްގެންނެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގައި ވެސް އެފަދަ ޒޯނެއް ގާއިމުކޮށް، ސަރުކާރުން އަމާޒު ހިފާފައި ހުރީ މެދު ރާއްޖޭތެރޭގެ ހަތް ސަރަހައްދެއް ތަރައްގީ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.