ads
އިއްޔެ ކުރި ވިއްސާރާގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ
އިއްޔެގެ ވިއްސާރަ، 6 ގެއަކުން 42 މީހުން ވަގުތީ ހިޔާއަށް
އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ދިރިއުޅެން ދަތިވެގެން 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.
Advertisement

އެ އޮތޯރިޓީން ބުނީ އިއްޔެ ވިއްސާރާގައި މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްގެން 122 ތަނަކަށް އެޓެންޑްވެފައިވާކަމަށެވެ. 

މީގެ ތެރެއިން ދިރިއުޅެން ދަތިވާކަމަށް ރިޕޯޓު ކުރެވުނު 10 ގެއެއްގެ ރެޕިޑު އެސެސްމެންޓް ދިވެހި ރެޑް ކްރެސެންޓުގެ އެހީތެރިކަމާއިއެކު ނިންމާ، ދިރިއުޅެން ދަތިވާކަމަށް ފާހަގަ ކުރެވުނު 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން 1 ރެއަށް ހަމަޖައްސާދިންކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ 03 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި  ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި ތ. ވަންދޫގެ 01 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. 

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލޭ ސަރަހައްދަށްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. ދެން މާލޭ ސަރަހައްދުން އެންމެ ބޯކޮށް ވެހުނީ ވެރިރަށް މާލެއަށެވެ. މާލެއަށް 100.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. 

މުޅީ ރާއްޖެއަށް ކުރި ވިއްސާރާގައި ގއ. ގެމަނަފުއްޓަށްވެސް ވަނީ 100.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެންމެ ދެކުނުން އައްޑޫ ސިޓީއަށް 52.5 މިލިމީޓަރުގެ ވާރޭވެހުނުއިރު ފުވައްމުލައް ސިޓީއަށް 86 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ. މެދު ރާއްޖެތެރެއިން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. އެރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނުކަމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރާ ވިއްސާރަކުރާނެކަމަށެވެ. އަދި މެދު ރާއްޖެތެރޭއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް