ads
ހައިކޯޓްގައި ބެއްވި ރައީސްް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
ހުކުމްއޮތީ 1 ޖަހާއިރު، އެއް ފަނޑިޔާރު އަދިވެސް ހުންނެވީ ޗުއްޓީގައި
ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާ އިއްވާ ހުކުމް އިއްވާ އަޑުއެހުން މިއަދު 1 ޖަހާއިރަށް ތާވަލުކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ކުރި ހުކުމުގެ އިސްތިއުނާފު އަޑު އެހުންތައް ހައިކޯޓްގައި ނިންމާލީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 21 ވަނަދުވަހުއެވެ. 

އިސްތިއުނާފު އަޑުއެހުންތައް ނިންމާލިތާ 4 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ހުކުމް އިއްވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީންނާއި ރައީސް ޔާމީން އުފައްދަވާފައިވާ ޕީއެންއެފުން ވަނީ ފާޅުކޮށްފައެވެ.

މި މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކުރި ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު އަދިވެސް ހުންނެވި ޗުއްޓީގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ފަނޑިޔާރު ޗުއްޓީގައި ހުންނެވި ނަމަވެސް ހުކުމް އިއްވުމުގެ މަޖިލީހުގައި ބައިވެރިވުމަކަށް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެހެންނަމަވެސް އެ ފަނޑިޔާރު ހާޒިރުވެޑައި ނުގެންފިނަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލް ވާނެ އެވެ. ޗުއްޓީގައި ފަނޑިޔާރަކު ހުންނެވި ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، އެކަން ހައިކޯޓުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ހައިކޯޓުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. 

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައިސް ޔާމީންވެސް ވަނީ މިއަދުގެ އަޑުއެހުން ބޭއްވިދާނެތީ ސުވާލު އުފައްދަވާފަ އެވެ. 

"އަޅުގަނޑު ހަމަ ހިތާހިތާ ސުވާލު ކުރަން، މާދަމާ ބެންޗު ހަމަވާނެތޯ؟ އަޅުގަނޑަށް ތިއޮތީ ކިޔާފަ ކޯޓަށް. އެކަމު ތިން ބޭފުޅުން ތިން ފަނޑިޔާރުން ތިއްވަބާ ބެންޗު މާދަމާ ހަމަވާނެތޯ ނޫނީ މީގެކުރިންވެސް ބައެއް ބޭފުޅުން ސަލާމް ބުނެފައި ތިއްބެވި ގޮތަށް ސަލާމް ބުނެފައި ތިއްބަވާނެތޯ؟ އެހެންވީމާ ބެންޗު ހަމަ ނުވެއްޖެނަމަ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އުޅެނީ. ކޮވިޑަށް ވުރެ ބޮޑު ހާލަތެއް މެދުވެރީވީ. ރޭ ބޭއްވި ޕީއެންއެފްގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާ ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މި މައްސަލާގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އިސްތިއުނާފުގެ ހުކުމް އިއްވުންވެސް ވަނީ މިއަދަށް ތާވަލުކޮށްފައެވެ. ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ ދަށު ކޯޓުންވަނީ އޭނާގެ މައްޗަށް 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. 

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް