ads
އެކްސަސައިޒް ހިޔާ ގެ ތެރެއިން
ހިޔާ ފުލެޓުތަކަށް ދެ ލިފްޓު އިތުރުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހިޔާ ފްލެޓްގެ ދެވަނަ ޓަވަރުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު އިބްރާހިމް ތޯރިގު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކޮށް ނިންމާލެވޭނެ އެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ހަވާލުކުރޯ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެޗްޑީސީން އޭރު ވެސް ވަނީ އޭގެ ތެރޭގައި ސްޓްރެޗަރު އެރުވޭ ލިފްޓު ހިމެނޭކަން ހާމަކޮށްފައެވެ.

ހިޔާގައި އެތައް ބަޔަކު ދިރިއުޅޭއިރު ބައެއް ވަގުތުތަކުގައި ލިފްޓަށް ބޮޑު ކިއޫއެއް އޮވެއެވެ. އެ މައްސަލައަށް ހައްލެއް ހޯދައިދޭން އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް