ads
ސެކަންޑް ޗާންސް..!؟
3އަހަރު ފަހުން....
Advertisement

ހޮޓް އެފްއެމް، މާލެ

ރޭގަނޑު އަށެށް ޖެހީ....


"އައްއްއްއްސަލާލާލާމްމް ޢަލައިކުމްމްމް.. އެންމެހައި އެހުންތެރިންނަށް ވަރަށް އުފާވެރި ޢީދު ދަވަހަކަށް އެދެމުން މިގަޑީގައި މިރޭވެސް މިބައްދަލުކޮށްލީ ތިޔަބޭފުޅުންގެ އެކުވެރި އަމަން... 'ތަރިން' ގެ ޝޯއަށް ހުރިހައި ބޭފުޅުންނަށްވެސް މަރުހަބާ ދަންނަވަން... ޝޯގެ ބައިވެރީންނަށް ޢީދު މުބާރަކް! ޢީދުގެ އުފާ ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައި ފާހަގަކުރަމުންދާ މިވަގުތު އަޅުގަނޑު ހުރިހައި އެހުންތެރިންނާ މި ބައްދަލުކޮށްލީ ވަރަށް ވަރަށް ވަރަށް ޚާއްޞަ މެހެމާނުންނާއެކު... ޝޯގެ އެކި ހިސާބުން ތިން ބޭފުޅަކު ތިޔަބޭފުޅުންނާ މިރޭ ބައްދަލުކުރައްވާނެ.. މިރޭގެ ޝޯގައި ފުރަތަމަ އަޅުގަނޑު މި ވާހަކަދައްކައިލަނީ މިވަގުތު ރާއްޖޭގެ އެންމެ އުމުރުން ހަގު، އެންމެ ކާމިޔާބު،  އެންމެ  މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޒުވާން ހިތްތަކުގެ ރަސްގެފާނު، ކުޅަދާނަ ލަވަކިޔުންތެރިޔާ.... މިހާރު ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގެންފިތޯ މިއީ ކޮން ބޭފުޅެއްކަން... އާދެ - އާދެ.. ރަގަޅަށް ތިޔަވިދާޅުވަނީ... ނާދިފް ޝައްޔާން ދީދީ..."

ޝޯގެ ތައާރަފަށްފަހު އަހަރެންނާއި ދިމާއަށް އަމަން ބަލައިލި އެވެ.

"ޢީދު މުބާރަކް.. ހުރިހާ ބޭފުޅުންނަށްވެސް" މައިކްއާއި ކައިރިވެލަމުން އަހަރެން ބުނީމެވެ.

"މުޅި ސާކް ސަރަހައްދުގެ 'އެންމެ ކާމިޔާބު ވިޔަފާރިވެރިޔާގެ އެވޯޑް' ހާސިލްކުރުމުގެ އުފަލުގައި ގަނޑުމެންގެ ފަރާތުން މަރުޙަބާ ދަންނަވަން... ނާދިފް.. އަމިއްލަ ދިރިއުޅުމުގެ ކަންކަން ކިހިނެއްތޯ ކުރިއަށްދަނީ..؟" މަޖާވެލާފައި އަމަން ސުވާލުކޮށްލިއެވެ. ސުވާލުގެ މަޤްޞަދާއިމެދު ބުނާނެއެއްޗެއް ނޭގެއެވެ. ހިތައް އައި ޖަވާބު ދިނީމެވެ.

"ދެން ހަމަ އޯކޭ!"

"އޯކޭ...! ރާއްޖޭގެ އެންމެ ޒުވާން އެންމެ ކާމިޔާބު ވިޔަފާރިވެރިޔާ، އަދި ވިދަމުން އަންނަ މޮޅު ލަވަކިޔުންތެރިޔާ ވިދާޅުވަނީ، ދިރިއުޅުމުގެ ކަންކަން އޯ-ކޭ ކަމަށް! މިއީ އަޅައިނުލާ ދޫކޮށްލާވަރުގެ ޖަވާބެއް ނޫން" މަޖާވެލާފައި އަމަން ބުނެލިއެވެ.

"ހައްހާ.. ޔެސް! ތެދައް ދަންނަވަންޏާ ދެންނެވޭނީ ހުރިހައި ކަމެއްވެސް މިވަގުތު ވަރަށް ރަގަޅޭ... ވަރަށް ހިތްހަމަޖެހޭ"

"ހިތްހަމަޖެހުމުގެ ވާހަކަ ވިދާޅުވީމަ، ހަނދާނަށް މިއައީ މިއަދަކީ ޢީދު ދުވަހަށްވެފައި މުޅި ދުވަހު ވާރޭވެހިފައި އެކަމަކު އިރުއޮއްސެން ވާއިރަށް މުޅި ކާއިނާތު ސާފުވެ، އުޖާލާ ރެ އަކަށް މިއޮތީ ތަންދީފައި.. މިފަދަ ވަގުތެއްގައި ނާދިފްއަށް ޚާއްޞަ ލަވައެއް އަޑު އިއްވާނުލާ ކުރިއަށް ދިއުމަކީ އިންސާފަކަށް ނުވާނެ ނޫންތޯ؟"

"ޝުއަރ.. އަޅުގަނޑުގެ ހިތާއި އެންމެ ގާތް އެއްލަވަ، މިވަގުތު ހުރިހައި ސަޕޯޓަރުންނާއި ހިއްސާކޮށްލާނަން.... މިއީ ވަރަށް ވަރަށް ޚާއްސަ ފަރާތަކަށް އަޅުގަނޑު ހުށަހަޅާލާ ލަވައެއް.. މިހާރު ރޭޑިއޯ އަޑުއަހަން އިންނާނެކަންވެސް ދެނަހުރިން.." އެއާއެކު އަހަރެންގެ ގިޓާ ނަގާފައި ހަމަޖެހިލީމެވެ. އަދި އަމަންގެ ހުއްދައާއެކު ލަވަ ފެށީމެވެ.

ހަނދާށްވުރެން ނަޔާ ތާޒާ މޫނޭ ތިއީ

ޒުވާން މިހިތުގައިވާ ވިންދޭ ތިއީ

ހަނދާށްވުރެން ނަޔާ ތާޒާ މޫނޭ ތިއީ

ޒުވާން މިހިތުގައިވާ ވިންދޭ ތިއީ

ފުރާނަ މިއެދޭ އަޅުގެ ދިރުމޭ ތިއީ

ކަލާޔަށް ކަލާޔަށް ކަލާޔަށް އިހްސާސްވެސް ނުވޭތޯ

ހޫމްމްމ... ޔާރު މިވަނީ ލޯތްބޭ ހަގީގީ

ޔާރު މިވަނީ ލޯތްބޭ ހަގީގީ....

........

އެއީ އޭނާއެވެ. އަހަރެންގެ ލޯ ކުރިމަތީގައެވެ. އަނދިރީގެ ތެރެއިންވެސް އަހަރެންގެ މިޒްރާ ވިދާލައެވެ. ހޮސްޕިޓަލު އެނދުގައި އަހަރެންނާއި ދާދި ގާތުގައެވެ. ދިރިއުޅުން އާރާސްތުކޮށް، ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ވަޢުދު ކުރުވިއެވެ. މުޅި އުމުރު އެކުގައި ހޭދަކުރާނެ، ތެދުވެރި ބައިވެރިޔަކު ހޯދުމަށްވެސް ވަޢުދުކުރުވިއެވެ. ކަރުނުން ލޯ ފުރޭ ހާލުގައި ބައްދަލުކުރުމަށް ސަހަރާޔަށް ޒިޔާރަތް ނުކުރުމަށްވެސް ވަޢުދުކުރުވިއެވެ. އަބަދު އުފަލުގައި ހުރުމަށް އެދުނެވެ. ތިން އަހަރާއި ނުވަމަސް ފާއިތުވެގެން ދިޔައީއެވެ. ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟ އަހަންނަކީ ހަމަ ކުރީގެވެސް ނާދިފް ޝައްޔާންއެވެ. ކުޑަވެސް ބަދަލެއް ނާދެއެވެ.

އަމާޒަކީ މިހާރު ތިޔަ ލޯތްބޭ

ހިތް އަދު ދިނީމެ ލޯބި ދެން ލިބޭތޯ

މަލާއޭ މަލާއޭ މަލާއޭ

ކުރޭ ފުންއަސަރު އިނގޭތޯ

ހޫމްމްމ... ޔާރު މިވަނީ ލޯތްބޭ ހަގީގީ

.......

ތިބާ ފެނޭތޯ ކުރެވޭ އިންތިޒާރު

ކިޔައިދޭނަން ކިޔައިދޭނަން ކިޔައިދޭނަން އިޝްގީ

ލައްޒަތެއް ލިބޭތޯ

ހޫމް...

ގިޓާގެ ނަރުތަކުން އެންމެ ފަހު ކޯޑުގައި  އިނގިލިތައް ބީއްސާލަމުން އަހަރެންގެ ލޯ ހުޅުވާލީމެވެ. ލޯ މަތީން މަޑުމަޑުން ފަނޑުވަމުންގޮސް މިޒްރާ ގެއްލުނެވެ. ކުރިމަތީން އަމަން ފެނުނީ އެވަގުތު އެވެ.

"ވައޮ.... އަންހެންކުދިންގެ ހިތްތައް ކަތިލެވެމުންދަނީ ކޮން ސަބަބަކާއި ހުރެކަން އަޅުގަނޑުވެސް ގަބޫލުކުރާން މިރޭ މަޖުބޫރުވެއްޖެ.." އަތްތިލަބަޑި ޖަހައިލަމުން އަމަން ބުނެލި އެވެ.

"ތޭންކް ޔޫ" ގަދަކަމުން ހީލަމުން އަހަރެންގެ ގިޓާ ތިރީގައި ބާއްވައިލީމެވެ.

"މިރޭގެ މުހިއްމު ސުވާލުތަކާއި، ނާދިފްގެ މުޅިން އާ ލަވަތަކަށް  ދިއުމުގެކުރިން ތަންކޮޅެއް ތަފާތު މައުލޫއަކަށް ޖެހިލާނަން.. ވިދާޅުވެދެއްވަފާނަންތޯ، ނާދިފްގެ  ހިތާއި އެންމެ ގާތް ލޯބީގެ ހާދިސާއެއް ނުވަތަ އިންތިހާއަށް ލޯބިވާ ފަރާތެއް ވާނަމަ، އެއިން ކޮންމެވެސް މިންވަރެއް މި ޝޯގެ އެކުވެރިންނާއި ހިއްސާކޮށްލެވިދާނެތޯ؟"

"ލޯބި؟!.... އެއީ ލޯބިވެވުމުން ނޫނީ އިހްސާސްކުރަން ނޭގޭ އެއްޗެއް.. އެއިގެ ޖަޒުބާތުގައި ޖެހުމާއެކު އެމީހެއްގެ މުޅި ދުނިޔެ ބަދަލުކޮށްލާ  ހިތްގައިމު، ބާރުގަދަ އިޙްސާސެއް ލޯތްބަކީ...! މީހަކު ބުނެދީގެން ނުވަތަ ލޯބިވާ ބަޔަކު ނޫނީ އެފަދަ މީހަކު ފެނިގެން އެ އިހްސާސް ހާމަކޮށްދެވޭ ވަރަށްވުރެން ނާޒުކު އެއްޗެއް ލޯތްބަކީ!

އެއިގަ އޮންނަނީ ދެ ގޮތެއް، އެއްގޮތަކީ، އިންސާނާ އާބާދުކޮށް، ކާމިޔާބަށް ވާޞިލް ކޮށްދޭ އެއްޗަކީވެސް ލޯބި.. އަނެއްގޮތަކީ އިންސާނާ ބަރުބާދުކޮށް، މުޅި ދިރިއުޅުން ސުންނާފަތި ކޮށްލާ އެއްޗަކީވެސް ލޯބި!   އަމަން...! އަޅުގަނޑު ގާތުގައި މީހަކު ބުނިހަނދާން އެބަހުރި.. އެއްވެސް މީހަކު އުފަންވަނީ ސުޕަރމޭން ނުވަތަ ސްޕައިޑަރ މޭންގެ ގޮތުގައި ނޫންކަމާއި.. ކިތަންމެ ބާރުގަދަ، ކިތަންމެ ހިތްވަރުގަދަ މީހަކުވެސް، ހިތާމައިގެ ވަގުތުގައި ނުވަތަ މާޔޫސީ ވަގުތުތަކުގައި އެއިހުސާސްތަކާއެކު ތިރިއަށް ލެނބުމަކީ ބަލިކަށިވުމެއް ނޫންކަމަށް.... ކޮންމެ މީހަކުވެސް އަނެއްމީހާގެ، އެހީތެރިކަމާއި ލޯބި ބޭނުންވާނެ ކަމަށް...

އޭނާ ސިފަކުރާގޮތުގައި ކޮންމެ މީހެއްގެވެސް ސަޕޯޓް ސިސްޓަމްގެ ގޮތުގައި ހުންނާނެ މީހަކު ބޭނުންވޭ ... އެންމެ ބާރުގަދަ ސަޕޯޓަކީ ލޯބި... މިއަށް ދެކޮޅު ހެދޭކަށް ނެތް.. އެކަކު އަނެކެއްގެ އިހްސާސްތައް ހިއްސާކުރަންވާނެ.. ދެމީހުންގެ ގުޅުން ބަދަހިވެ ހަރުދަނާވަނީ  ވާހަކަ ދެކެވި، މަޝްވަރާކުރެވި، އެ އުފެދޭ އިޙްތިރާމާ ބާރުގަދަ ގުޅުމުގެ ސަބަބުން.. މިފަދަ ގުޅުމަކުން ބަނދެވުމަށްފަހު، ދެން ވަކިވުމަކީ އެއީ ނާދިރުކަމެއް!

އެހެންވީމާ، ދުވަހެއްގައިވެސް ހަގީގީ ލޯބިވާ ބައިވެރިޔަކު އެމީހެއްގެ ހަޔާތަށް އައިސްފިނަމަ، އޭނާ ބީވެދިޔަނުދީ ހިފަހަށްޓާ... ވަގުތު ފާއިތު ނުވަނީސް ހިތުގެ އިހުސާސްތަކާއި އުފެދެމުންދާ ލޯބި ދެނެގަނެ، ބައިވެރިޔާއަށް ހާމަކޮށްދީ.... ދުނިޔޭގައި އެންމެންނަށް ކޮންމެ ފަހަރަކު، ދެވަނަ ފުރުސަތެއްގެ ނަސީބެއް ނުލިބޭނެ..

އެއީ ކޮންމެ އެއްޗަކަށްވެސް ނިމުމެއް ކަނޑައެޅިފައިވާތީ.. ވަކިވާންޖެހޭ ވަގުތަކީ އެނގިގެން ކުރިމަތީވާނެ ޠޫފާނަކަށް ނުވާނެ! ކޮންމެ އެއްޗަކީވެސް ނެތި ފަނާވެދާނެ އެއްޗެއް... އަހަރެންވެސް... ތި އެކުވެރިންވެސް... ހިތްވަރާއެކު ކުރިމަތީލާ! ތިބާގެ ދިރިއުޅުމުގެ ސަފްޙާއަކީ އެންމެ ކާމިޔާބު އެންމެ ހިތްގައިމު ޞަފްޙާކަމުގައި ހެދޭތޯ މަސައްކަތްކޮށްލާ!"

ފުންނޭވާއެއްލުމަށްޓަކައި އަހަރެންގެ ވާހަކަ މެދުކަނޑާލަމުން އިސްޖަހައިލީމެވެ.. އަނެއްކާވެސް މައިކަށް ބަލައިލާފައި ވާހަކަ ފެށީމެވެ.

"މި ދުނިޔޭގެ އެންމެ ހިތްގައިމު، އެންމެ އުފާވެރި އަދި އެންމެ ބާރުގަދަ އިހްސާސަކީ ލޯބި ކަމަށް އަހަންނަށް ވިސްނައިދިނީ އޭނާ..  އަގުބޮޑު ހަދިޔާތަކާއި، ފައިސާއާއި އަރާމާއި މުއްސަނދިކަމާއި ގައިގޯޅިވުމަކީ ލޯބިވުމެއް ނޫންކަން ވިސްނުނީ އެދުވަހު... 

ލޯބި ނުވާނަމަ، ދިރުމެއްވެސް ނެތް.."

އަހަރެން އިސްޖަހައިލީމެވެ. އެތައް ހަނދާންތަކެއް އަހަރެންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ދިރިއުޅުމަކީ ރޭވިގެން ކުޅެވޭ   ކުޅިވަރެއްފަދަ އެއްޗެކެވެ. ކިތަންމެ ރީތި ހަނދާންތަކެއް ރައްކާކުރާން ބޭނުންވިޔަސް، އެކަން ކުރެވެނީ ކިތަން މީހުންނަށް ހެއްޔެވެ؟ ކޮންމެ މީހެއްގެވެސް ހަނދާންތަކެއް ވެއެވެ. ސިކުނޑިއަށް ގެންނާން ބޭނުންނުވިޔަސް އެއިގެ ބިރުވެރި ބަފްޙާތައް އަހަރުމެންގެ ކުރިމަތީގައި ހުޅުވެއެވެ. ހެދުނު ގޯސްތަކާއި ކުރެވުނު ކުށްތައް ރަގަޅުކުރާނެ ދެވަނަ ފުރުސަތަކަށް ބޭނުންނުވަނީ ކާކު ހެއްޔެވެ؟ ބައެއް ހަނދާންތައް ބިރުވެރި ހުވަފެނެއްގެ ސިފައިގައި އަހަރުމެން ފަހައި ދުވަނީ އެކަންކަން ހަޔާތުގައި ހިނގާފައިވާތީއެވެ. އެއީ ބިރުވެރިކަމެކެވެ. ކުރެވޭ އުއްމީދަކީ އެފަދަ ހުރިހައި ބިރުވެރިކަމެއް ޙަޔާތުން ނެތި ދިއުމެވެ. އެކަމަކު...

"އާހްހހހހ ޓްރޫ..." އަމަންގެ އަޑު އިވުމުން އަހަރެން އިސްއުފުލައިލީމެވެ. ޚިޔާލްގެ ތެރޭގައި އަހަރެން ޣަރަގުވަނީކަން އަމަން ދެނެގަތެވެ.

"މިރޭގެ އިތުރު އައިޓަމްތަކާއެކު ކުޑަކުޑަ އިރުކޮޅަކުން އަޅުގަނޑު ބައްދަލުކޮށްލާނަން.. ކުރިއަށް އޮތް ގަޑިއެއްހާއިރު ނާދިފްގެ ހިތްގައިމު ލަވަތަކެއް އަޑުއިވިގެން ދާނެ.. ކުޑަކުޑަ ބްރޭކެއް އަޅުގަނޑުމެން ނަގާނަން.. އެއަށްފަހު އަމަންގެ ލޯބީގެ ލަވައެއް ކުޅެލާނަން.... ރޭޑިއޯއާއި ދުރަށް ވަޑައިނުގެން މަޑުކޮށްލައްވާ..."

.........

ރޭޑިއޯ ސްޓޭޝަނުން ސަލާމަތްވެގެން ޕާކިންގގައި އޮތް ކާރަށް އެރުނުއިރު ގަޑިން ނުވަގަޑި ސާޅީސްފަހެއް ވަނީއެވެ. ގިނައިރުތަކެއް ނުވެ، އަހަރެންގެ ގެއަށް އާދެވިއްޖެއެވެ.

ކާރުން ފޭބުމާއެކު  ހިތް ނުތަނަވަސްވާން ފެށިއެވެ. މިއީ މިދިޔަ ދެތިން އަހަރުދުވަހުގެ އާދައެވެ. ކާރުން ފައިބައިގެން ގެއަށް އައިސް، ގެއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވެއެވެ. ކުރެވޭ އިހްސާސްތައް އަމިއްލަ ސިކުނޑިއާވެސް ހިއްސާކުރާކަށް ނޭގުނެވެ. މާޒީގައި ހިނގާދިޔަ ކަންކަމުގެ ހާލަތު ބަދަލުވެއްޖެއެވެ. ހިތްހަމަ ޖެހުމާއި ހިތްހަމަ ނުޖެހޭ ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. އެކަމަކު އަހަރެންގެ މި ހިތްބިރުގަތުން...؟

ކުރަމުން މިދާ ވިއްސާރައިގެ ފިނިފިނި ވައިރޯޅި އަހަރެންގެ މޫނާއި ހަށިގަނޑަށް ފޯރިއެވެ. އިޝާރާތެއް ނެތި ވިދާލުމާއެކު ބާރަށް ގުގުރަމުންދަނީ ބޯ ވިއްސާރައާއެކުއެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. މިރޭގެ ހަމަހިމޭން މޫސުމީ ފިނިކަމަށް ޝުކުރުކުރަމެވެ. އަހަރެން މިސްރާބުޖެހީ ގޭތެރެއަށް ވަންނާކަށް ނޫނެވެ. ގޭގެ ބިއްދޮށު ފަރާތަށެވެ.

ސްވިމިންގޕޫލް ސަރަހައްދާއި ކައިރިވެވުމާއެކު އަހަރެންގެ ހިނިތުންވުން ތާޒާވެއްޖެއެވެ. ރީތި ކުލަކުލައި ކުދި ބޮކިތަކުން ޒީނަތްތެރިކޮށްލާފައި އޮތީ ފާހަގަކުރަމުން މިދާ އުފާވެރި ޢީދުގެ މުނާސަބަތުގައެވެ. ވަށައިގެން ހިތްގައިމުކަން ނޫނީ މިތަނުގައި ނެތެވެ. ކޮންމެ ޢީދަކަށް ގޭގައި ބޮކިފަތި ލުމަކީ ޑޭޑްގެ އާދައެކެވެ. އެއިން ކަމެއްގެ އަގު އޭރު، އަހަރެން ވަޒަންނުކުރަމެވެ. އެކަމަކު މިހުރިހައި ކަމެއް މިހާރު ތަފާތެވެ.

މިރޭ ޑޭޑް އެ ޒީނަތްތެރިކުރީ އަހަރެންގެ ގެއެވެ. އަހަރެންގެ އަމިއްލަ ގެއެވެ. މި އުފާވެރިކަން އަހަރެން ބަލައިގަންނަމެވެ. މިއީ އަހަރެންވެސް ބޭނުންވެގެން، ބައިވެރިވެގެން މިހާރު ކުރެވޭ ކަންކަންމެވެ. އަހަންނަށްޓަކައި ކޮންމެ މީހަކު ކޮށްދޭ ކިތަންމެ ކުޑަކަމެއްވެސް އަގު ވަޒަންކުރުމަކީ މިއަދު އަހަރެންގެ އުފަލެކެވެ. އެކަންކަމަށް ޝުކުރުވެރިވުމަކީ މިއަދު އަހަރެންގެ ހިތްހަމަޖެހުމެވެ.

މަޑުމަޑު ވިނަގަނޑުމަތީގައި އަހަރެން ފިޔަވަޅު ގަނަމުންދިޔައީ ފަރުވާތެރިކަމާއެކުއެވެ. ކުރިއާއި ތަފާތުކޮށް، ގޭގެ ބިއްދޮށާއި މުޅި ޕޫލް ސަރަހައްދުގައި މިހާރު އޮންނަނީ އެކި ވައްތަރުގެ މީރުވަސްދުވާ މާމެލި ހައްދާފައެވެ. ކުލަކުލައިގެ ބޮކިތަކުގެ ތެރެއިން ފެންނަ ގަސްތައް ކިތަންމެހާވެސް ހިތްގައިމެވެ. ދުވަމުންދާ މީރުވަހުން ހިތްފުރޭވަރުވެ  އެވެ.

ވަކިން ބަހައްޓާފައިހުރި ކުޑަ މޭޒެއްގެ މަތީގައި އެތައް ޕާރުސަލެއް ހުއްޓެވެ. އެއީ ޢީދުހަދިޔާއެވެ. އަހަރެން އައުމުން ނޫނީ ނުކަނޑަށް ބަހައްޓާފައި ހުރީއެވެ. ދެން ލޮލުގައި އަޅައިގަތީ ވަކިން ބަހައްޓާފައި ހުރި ވަރަށް ކުޑަ މޭޒެކެވެ. އެއިގެ މަތީގައި އެންމެ ޕާރުސަލެއް އިނެވެ. ގާތްވެފައި ބަލައިލީމެވެ. ކުޑަކުޑަ ހަތަރެސްކަން ފޮއްޓެކެވެ. ރިހިކުލައިގެ ވިދާ ކަރުދާހަކުން ޕާރުސަލްކޮށްފައި ރަތް ރިބަނުން ރީތިކޮށް ޓައީ އެއް ޖަހާލައިވެއެވެ. އޭގައި އަހަރެންގެ ނަން ޖަހާފައި އޮތުމުން ޕާރުސަލް ކަނޑާލީމެވެ.

ކުޑަކުޑަ ފޮށީތެރޭގައި އޮތީ ފައްޖަހައިލާފައިވާ މަޑުފިޔާތޮށި ކުލައިގެ ކަރުދާސްކޮޅެކެވެ. އެ ނަގާފައި އަހަރެން ހުޅުވާލީމެވެ. އަހަރެންގެ ހުރިހައި ދަތްތައް ފެންނަވަރަށް ހިނިތުންވީމެވެ. ހިތްގައިމު އަތު ލިޔުމަށް ބަލައިލީމެވެ. ހަމަ އެވަގުތު އަހަރެންގެ ނަމުން ގޮވައިލިއަޑު އިވުނެވެ.

"ނާދިފް"

ކަރުދާސްކޮޅުން، އަހަރެންގެ ނަޒަރު އެދިމާއަށް ބަދަލުކޮށްލީމެވެ.

"އައި ލަވް ޔޫ ޓޫ މައި ލަވް!" އެންމެ ސިކުންތެއްވެސް ބޭކާރުނުކޮށް އަހަރެން ބުނީމެވެ.

ހަމަ އެ ހިނދުގައި ދެ އަތް ހުޅުވާލީމެވެ. އަހަރެންގެ ލޯބި، އަހަރެންގެ މޭގައި ބޮނޑިކޮށްލީމެވެ. ޢީދު މުބާރަކު ކިޔުމަށްޓަކައި ދެމީހުންގެ މޫނު ގާތްކޮށްލައި ދެމީހުންގެ ނޭވާ ގުޅިގެން ދިޔަވަގުތު....

"ޕައްޕާ.... ޕައްޕާ... ޕައްޕާ...  އީ ވް  މު އާ ލި ކް.." އެއީ އަހަރެންގެ ހިތުގެ ވިންދުގެ އަޑެވެ. އަހަރެންގެ ދެ އަހަރުގެ ލޯބިލޯބި އަމީރާގެ އަޑެވެ. (އަހަރެންގެ ރޮމޭންސްގެ ދުޝްމަނެވެ!)

ފުރަތަމަ ފަހަރަށް އަހަރެންގެ އަތުގެ ތެރޭގައި އަމީރާ ބޮނޑިކޮށްލިވަގުތު ޑޭޑް އަދި މޮމް ބުނި ޖުމުލަތައް މިއަދުވެސް ހަނދާން އެބަހުއްޓެވެ.

"ޕްރިންސެސްއަށް ލިބިފައި މިވަނީ، އޭނާގެ މަންމަގެ ދެ ލޮލާއި ތުންފަތާއި މޫނުގެ ބައްޓަން... އެހެން ހުރިހައި ސިފައެއް ރަމްޒުކޮށްދެނީ ނާދިފް.." ހަމަ އެވަގުތު ޕްރިންސެސް ލޯ ހުޅުވާލިއެވެ. ތެދެކެވެ. އެކަމަށް އަހަރެންގެ ލޮލުން ބޮލުން އެއްބަސްވަމެވެ.

"ލޮލުގެ ކަޅި ހީވަނީ މިލްކް ކޮޅެއްގެ ތެރެއަށް ކޮފީ ކޮޅެއް ވައްޓާލާފައިވާހެން.. ހަމަ ނާދިފްގެ ޗޮކްލެޓް ބްރައުން ކަޅިއާއި ތަފާތެއްވެސް ނެތް.." މޮމްގެ ލޮލުން ވެއްޓުނު އުފާވެރި ކަރުނަ ފޮހެލިއެވެ.

"މައި ޕްރިންސެސް... ޢީދު މުބާރަކް ޓު ޔޫ ޓޫ... އައި ލަވް ޔޫ ސޯ މަޗް"

މޮމްގެ އަތު ތެރެއިން ވީއްލިގެން ދުވެފައި އަމީރާ އައީ އަހަރުމެން ދެމީހުންގެ އަތުގެ ތެރޭގައި ބޮނޑިވެލުމަށެވެ. ލޯބިކޮށް ދުވެފައި އައިސް އަރައި ހަމަކުރުމުން އަހަރެންގެ އެއް އަތުން ޕްރިންސެސް އުފުލާލާފައި، ދެ އަތުގެ ތެރޭގައި އަހަރެންގެ 'ހިތާއި'، 'ފުރާނަ' ބޮނޑިކޮށްލީމެވެ. މިއީ ފާއިތުވެގެން މިދާ ދެތިން އަހަރެއްހައި ދުވަހު، އިރުއަރައި އޮއްސޭ ކޮންމެ ދުވަހެއްގެ އާދައެވެ. އަހަރުމެންގެ އުފާވެރި އާއިލާގެ މި މިންޒަރު މޮމްއާއި ޑޭޑްގެ ފޯނުގައި ރައްކާކުރަމުން ދިޔަތަން ދުށީމެވެ.

"އައި ލަވް ޔޫ ޓޫ ސޯ މަޗް" ދެމީހުންގެ ނިއްކުރިއާއި، ދެމީހުންގެ ކޮލުގައި ތުންފަތް ޖައްސައި ފިއްތާލަމުން އަހަރެން ބުނީމެވެ.

...............

އާއެކެވެ. އެއީ އަހަރެންގެ މިޒްރާއެވެ. އަބަދުވެސް އަހަންނަށްޓަކައި އެންމެ ގާތުގައެވެ. ކޮންމެ އުނދަގުލަކާއި ކޮންމެ ނުރައްކަލަކުން މިއަދުވެސް އަހަރެން ހިމާޔަތް ކުރަނީ އަހަރެންގެ ލޯބިވާ މިޒްރާއެވެ. އަހަރެންގެ ކާމިޔާބުގެ އަސްލަކީވެސް މިޒްރާއެވެ.

އެއީ އަހަރެންގެ ޝޫޓިންގ ސްޓާރއެވެ. މި ހިތުގެ އެދުމާއި އަހަރެންގެ ދުޢާ ﷲ އިޖާބަ ކުރެއްވީއެވެ. އަހަރެންގެ ކުށް އިސްލާހްކޮށް ހަމަ މަގަށް ވާސިލުވުމަށް ދެވަނަ ފުރުސަތެއް ލިބުނީއެވެ. އަހަރެންގެ ކޮންމެ ވިންދެއް ޚާއްޞަކުރަނީ އަހަރެންގެ މިޒްރާއާއި އަހަރެންގެ ޕްރިންސެސްއަށެވެ. އެއީ އަހަރެންގެ ދުނިޔެއެވެ.

މަރާއި ހަނގުރާމަކޮށް، ﷲގެ ވާގިފުޅާއެކު މިޒްރާ ކާމިޔާބު ހޯދީ އަހަރެންގެ ލޯތްބަށްޓަކައެވެ. އެ ޤުރުބާނީގެ އަގު އަހަރެންގެ މުޅި އުމުރު ހުސްވިޔަސް އަދާކޮށް ނުނިމޭނެއެވެ. މުޅި އުމުރަށްވެސް މި ލޯބި އަހަރެން ރައްކާތެރިކުރާނަމެވެ.

ލޯތްބަކީ ބައިވެރިޔާ ދަސްކުރުމެވެ. އޭނާ ދެނެގަތުމެވެ.

އިހްސާސްތަކާއި، އުފަލާއި ހިތާމައާއި ހިތް އެދޭ ކަންތައްތަކާއި ހިތް ނުރުހޭ ކަންތައްތައް ބުނުމަކާއި ނުލައި ދެނެގަތުމެވެ.-

   -ނިމުނީ-


ޝައުގުވެރިކަމާއެކު ވާހަކައަށް އިންތިޒާރުކުރެއްވި ހުރިހައި ބޭފުޅުންނަށް ޝުކުރިއްޔާ!

އިތުރު ވާހަކައަކާއެކު ކިޔުންތެރިންނާއި ބައްދަލުވުމުގެ އުންމީދުގައި ވަކިވެލަން..!

                  =ފުނަމާ=

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް