އާ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހެލްތު މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކުރި ތިން ރަށުގެ ތެރެއިން މަނަދޫ އާ މުލީގައި އަޅަން ހަމަޖެހިފައި ވަނީ 50 އެނދުގެ ހޮސްޕިޓަލްތަކެކެވެ. އެ ދެ ރަށުގައި އާ ހޮސްޕިޓަލުތައް އެޅުމަށް ނިންމާފައި ވަނީ މިހާރު ބޭނުން ކުރަމުން އަންނަ ހޮސްޕިޓަލުތަކުގެ އިމާރާތްތަކަކީ ގިނަ ދުވަސްތަކެއް ވެފައިވާ އިމާރާތްތަކަކަށް ވާތީ އެވެ. މިއިން ކޮންމެ ރަށެއްގައި އާ ހޮސްޕިޓަލް އެޅުމަށް 185 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އެ ހޮސްޕިޓަލުތައް އެޅުމަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އަލިފުށީގައި 128 މިލިއަން ރުފިޔާއަށް 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރަން ހެލްތު މިނިސްޓްރީން ދީފައި ވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ބުނެފައި ވަނީ މި ތިން ރަށުގައި އާ ހޮސްޕިޓަލުތައް އަޅައި ހިދުމަތްދޭން ފެށުމުން، މި ރަށްތަކުގައި ހިދުމަތް ދެމުން އަންނަ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ ކަމަށެވެ. އަދި އެ ތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭން ޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
މި ހޮސްޕިޓަލުތަކާ އެކު އެ ރަށްރަށުންނާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ހިދުމަތް ލިބިގަތުމުގައި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އަލަށް އަޅާ ހޮސްޕިޓަލުތަކަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނޭހެން ހެދޭ ހޮސްޕިޓަލުތަކެކެވެ. އަދި ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ހޭދަ ކުޑަކުރަން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.