ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ބޯހިޔާވަހިކަން ލިބުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިއަށް ގެންދާ މަޝްރޫއަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތި ކަމަށް ހައްލު ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރު ހުޅުވާލި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތް ކުރެވުނު ޓާޓާ ފްލެޓުތަކަށް ޝަރުތު ހަމަވި ނަމަވެސް ފްލެޓް ލިބުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް މި އެޑްމިނިސްޓްރޭޝަނުން މިހާރު އިމާރާތް ކުރަމުން އަންނަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫތަކުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމުގަ އެވެ.
އެ މަޝްރޫއުން ފްލެޓް ހޯދުމަށް ބޮޑު އިންޓްރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައި ނުވާ ފަރާތްތަކަށް ވެސް ހިނގަމުންދާ މަޝްރޫތަކުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.