ޓޫރިޒަމަށް ތަރައްގީ ކުރުމަށް ކ. އަތޮޅު އެމެރަލްޑް ލެގޫން އިން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ދޫކޮށްފައިވާ ސަރަހައްދުގައި ރިސޯޓު ތަރައްގީ ކުރުމަށް ސިޔާމް އެދިފައިވަނީ 165 މިލިއަން ޑޮލަރުގެ ލޯނެއްގެ ގެރެންޓީއަށެވެ. އެނގިފައިވާ ގޮތުގައި އެކަމަށް އެދި ސިޔާމް ސޮޮއިކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމަރަލްޑް ލެގޫންގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރާތާ އަހަރުތަކެއް ވެފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވާ ކަމުގަ އެވެ. އަދި 1500 އަށް ވުރެ ގިނަ ކޮޓަރި ހިމެނޭ އެ ޕްރޮޖެކްޓަށް 165 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
މީގެއިތުރުން ސަރުކާރުގެ ސޮވެރިން ގެރެންޓީ އަމިއްލަ ފަރާތްތަކަށް ދެވޭ އުސޫލުގެ ދަށުން ހަތަރު އިންސައްތައަށް ވުރެ ދަށް އިންޓްރެސްޓުގައި ނަގާ ލޯނުތަކަށް ސަރުުކާރުގެ ސޮވެރިން ގެރެންޓީ ދެވޭ ގޮތް އޮންނަކަމަށް ވެސް ސިޔާމްގެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
ސިޓީގައި ބަޔާާކޮށްފައިވާ ގޮތުން އެ މަޝްރޫއަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުގެ ޝައުގުވެރިކަން އެބަ އޮތް ކަމަށާއި، ނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހެން އޮތީ ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ލިބިގެން ކަމަށެވެ.
ސިޔާމްގެ، އަހުމަދު ސިޔާމް ހޯލްޑިން (އޭއެސްއެޗް) އިން 2017 ވަނަ އަހަރު ނެގި ލޯނަކަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ އެ ލޯނަކީ ނ. ދިގުރަށުގައި ރިސޯޓެއް ހެދުމަށް ނެގި ލޯނެކެވެ.
ކޮވިޑު ދުވަސްވަރުގައި އެ ލޯނަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ސިޔާމް ވަނީ ނުދެއްކި ލަސްވި ފައިސާ ދައްކަވާފަ އެވެ.
ސިޔާމްގެ ސިޓީއާ ގުޅިގެން ސަރުކާރުން މިހާތަނަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކަމެއް އިނގިފައެއް ނެތެވެ. ނަމަވެސް އެ ލޯނަށް ގެރެންޓީ ދިނުމަަށް އެދިފައިވާތީ ފިނޭންސް މިނިސްޓްރީން އެކަން ރިވިއު ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.