މިއީ، ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރުގެ މަގާމު ގެއްލުނު އިރު ޚިދުމަތުގެ މުއްދަތު ގުނާފައިވަނީ އެހެންޏާ އަމަލު ކުރާ ގޮތާ ތަފާތުކޮށް ކަމަށާއި އެ ގޮތަށް ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅި ކަނޑަ އެޅުން، ޖޭއެސްސީން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މި މައްސަލައަކީ، ޖޭއެސްސީ ގާނޫނަށް މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ޑރ. ނަޒީރަށް ގެއްލުމުން، އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލު ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ޑރ. ނަޒީރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ޓްރައިބިއުނަލުން ނިންމި ގޮތް ޖޭއެސްސީއަށް ކަމު ނުގޮސްގެން އިސްތިއުނާފު ކުރި މައްސަލައެކެވެ.
މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށެވެ. މި ގޮތަށް ހައިކޯޓުން ހުކުމް ކުރީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިސްތިފާގުންނެވެ.
މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖޭއެސްސީއާ ދެކޮޅަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޑރ. ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑެންސީ އިނާޔަތްތައް ދިނުމުގައި ޖޭއެސްސީގެ ސިޓީއަކާ ހަވާލާދީ އަމަލުކޮށްފައިވަނީ އެހެންޏާ އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރުމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ކަމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ތިން މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޑރ. ނަޒީރު އައްޔަންކޮށްފައިވަނީ ދެހާސް އަށާރަވަނަ އަހަރުގެ ފަހުކޮޅުއެވެ. ޑރ. ނަޒީރުގެ މަގާމު ގެއްލުނީ ޖޭއެސްސީ ގާނޫނަށް އެމްޑީޕީން ގެނައި އިސްލާހަކާއެކުއެވެ. އޭގެ ފަހުން އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އާއިޝަތު ރިޒްނާ އެވެ.