ads
ފިޝަރީޒް މިނިސްޓަރު ޝިޔާމް: ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި 27 މިލިއަން ރުފިޔާ މި މަސް ނިމޭހާ ހިސާބު ދޭނެ ކަމަށް - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
މަސްވެރިންނަށް ނުދެވި ހުރި 27 މިލިއަން މި މަސް ނިމޭހާ ހިސާބު ދޭނެ: ޝިޔާމް
މަސްވެރިންނަށް މިހާރު ނުދެވި ހުރި 27 މިލިއަން ރުފިޔާ، މި މަސް ނިމޭ ހިސާބު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް ދޭނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރުންނާ ސުވާލު ކުުރުމުގެ ފުރުސަތު އާންމުންނަށް ދޭ އަހާ ސިލްސިލާގެ ތިންވަނަ ފޯރަމުގައި މިރޭ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެޑްމިނިސްޓްރޭޝަނާ ހަވާލުވިއިރު މަސްވެރިންނަށް ފައިސާ ނުދެވި ބޮޑު ބެކްލޮގެއް އޮތް ކަމަށެވެ. އެ ފައިސާ ކުއްލިއަކަށް ދެއްކުމަކީ ގައުމުގެ އިގުތިސޯދީ ހާލަތު އޮތް ގޮތުން އުނދަގޫ ކަމަކަށްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް މަސްވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ހަވާލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރޯދަ މަހުގެ ކުރިން ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މަސްވެރިންނަށް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޒައާމަތާ ހަވާލުވެވަޑައިގަތް ފަހުން އަޅުގަނޑަށް ލިބިފައި ހުރި އަދަދުތަކަށް ބަލާއިރު، 850 މިލިއަން ރުފިޔާ މަސްވެރިންނަށް ދެއްކިއްޖެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު މަސްވެރިންނަށް ނުދެވި ހުރީ 27 މިލިއަން ރުފިޔާ ކަމުގަ އެވެ. އެ ފައިސާ ދީ ހަލާސް ކުރުމުގެ މަސައްކަތް އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް