ads
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 41.77 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީއަށް ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 41 މިލިއަން ރުފިޔާ
އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 41.77 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާތައް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 749.15 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 92.87 މިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ 664.44 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ހިންގުމުގެ ފައިދާގެ ގޮތުގައި 41.77 މިލިއަން ރުފިޔާ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

އެމްޓީސީސީން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް އެ ކުންފުނިން ކުރަން ޖެހުނު ހަރަދު އިތުރުވުމާ ގުޅިގެން، ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ 6.17 މިލިއަން ރުފިޔާ ކަމަށެވެ. މި އަދަދަކީ މި މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ސާފު ފައިދާއަށްވުރެ ދަށް އަދަދެއް ކަމުގައި ވިނަމަވެސް، ހާލަތަށް ބަލައި އެ ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ކުރިއެރުމެއް ކަމުގައި ކުންފުނިން ދެކޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓަރުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އެމްޓީސީސީން ވަނީ ކާމިޔާބުކަމާ އެކު ހިންގާފަ އެވެ. އެމްޓީސީސީން ބުނެފައި ވަނީ އެކި މަރުހަލާގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. މި ކުއާޓަރުގެ ތެރޭގައި ތިން މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަަމަށާއި އަލަށް ފަށާ ހަ މަޝްރޫއެއްގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އާންމު ވިޔަފާރި ދާއިރާ އާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތު މާކެޓިން ހަރަކާތްތައް މި ކުއާޓަރުގެ ތެރޭގައި އެ ކުންފުނިން ހިންގާފައިވާ ކަމުގަ އެވެ. އަދި އެ ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްރަށަށް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުންދާ ކަމަށެވެ.

ވިޔަފާރިތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގުސަދުތައް ހާސިލު ކުރުމަށް މިވަގުތު އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަނެ، ފިޔަވަޅުތައް ތަންފީޒުކުރަމުންދާކަމުގެ ޔަގީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް ދެމުން އެމްޓީސީސީން ބުނެފައި ވަނީ އީޖާދީ ތަރައްގީއަށް ހިތްވަރު ދިނުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހު ކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށެވެ. އެ ކުންފުނީގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ހިއްސާދާރުންނާއި މުޖުތަމައަށް ނަފާ ލިބޭ ގޮތަށް މަސައްކަތްތައް ރާވައި އިންތިޒާމު ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް އެމްޓީސީސީން ވަނީ ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް