ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ ދެމިއޮންނާނެ: ސާލިހު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި އެމްޑީޕީން ދެމިތިބޭނެކަމަށް އެމްޑީޕީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އެވެ.

ސާލިހު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގު ރައްކާތެރިކުރުމާއި އެންމެ ކުޑަ އުޖޫރަ ތައާރަފްކުރުން ފަދަ މުހިންމު ސިޔާސަތުތަކަށް އެ ޕާޓީން ވަކާލާތުކޮށްފައިވާ ކަމަށެވެ. 

އަދި މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކުރުމަށް އެމްޑީޕީ ދެމިއޮންނާނެކަމަށްވެސް ކުރީގެ ރައީސް ވިދާޅުވި އެވެ. 

ބައިނަލްއަގުވާމީ ގޮތުން ފާހާގަކުރާ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މޭ މަހު 1 ވަނަ ދުވަހެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މޭ ޑޭ ނުވަތަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރު ސިޔާސީ ބައެއް ފަރާތްތަކާއި މަސައްކަތްތެރިން ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމީ 2011 ވަނަ އަހަރު އެވެ.  

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ "އެންޝުއަރިން ސޭފްޓީ އެންޑް ހެލްތް އެޓް ވޯކް އިން އަ ޗޭންޖިން ކްލައިމެޓް" ނުވަތަ "މޫސުމީ ގޮންޖެހުންތަކާއެކުވެސް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން" މި ޝިއާރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް