ads
ހަލީލް: ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ކުރަންވާނީ ނޫސްވެރިއަކަށްވުމުން އެ މީހެއްގެ ކޮނޑުގައި އެޅޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ އެކު ކަމަށް - ފޮޓޯ:ރައީސް އޮފީސް
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ކުރަންވާނީ ޒިންމާތަކާ އެކު: ހަލީލް
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ކުރަންވާނީ ނޫސްވެރިއަކަށްވުމުން އެ މީހެއްގެ ކޮނޑުގައި އެޅޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ އެކު ކަމަށް މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ހިދުމަތްތެރިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު، ރާއްޖޭގައި ނޫސްވެރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ތަނަވަސްކޮށްދެވިފައިވާ ކަމަށެވެ. 

ނޫސްތަކާއި ސައިޓުތައް ހިންގާއިރު ޒިންމާދާރުވާން ޖެހޭކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވެފައި ވަނީ ސަރުކާރަށް ފާޑު ކިޔަން ވެސް ކެރިގެން ނިކުންނަންވީ ކަމަށާއި އެ މަސައްކަތް ކުރުމުގައި ތެދު މައުލޫމާތު ފެތުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ކޮން ބައެއްކަން ނޭނގޭ ގޮތަށް ހަބަރު ފެތުރުމަށް ވުރެ، އެކަން ކުރަނީ ކޮން ބައެއްކަން އެނގިގެން އެކަމެއް ކެރިގެން ކުރުން މާ ރަނގަޅުވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އެކަން ހިންގޭ. އެޔޮއް ހިންގަނީނުން ދެއްތޯ. އޭގައި ދޮގެއް ތެދެއް ވަކިކުރާކަށް ނޭނގެ. ކަނޑައެޅިގެން ބުހުތާނު ދޮގު ލިޔެގެން ވެސް އެޔޮއް ގެންދަނީ. އެކަމަކު ވެސް މައްސަލައެއް ނެތް. ދެން އަޅުގަނޑުމެންނަށް ކުރީ، ތަންކޮޅެއް ކުރީގައި މި ޑިމޮކްރަސީގައި ފެށުނުއިރުގައި އުޅުނު ހިންގާ ބަޔަކު ނޭނގޭ ބައެއް ސައިޓުތަކާ އެއްޗިހި. ދެން އެހެންނަމަވެސް މިއަދު ބޭނުން އެއްޗެއް ބޭނުން ޓީވީއަކުން ބުނެވޭ ނޫންތޯ. ބޭނުން އާޓިކަލެއް ލިޔެވޭ ނޫންތޯ. ދެން އެހާ ރަނޑުކޮށް އަމިއްލައަށް ކޮން ބައެއްކަން ނޭނގޭ ގޮތަށް އެއްޗެހި ލިޔެ އުޅުމަކީ ތަންކޮޅެއް ރަނޑު ނޫންތޯ. އަޅުގަނޑަށް ތަންކޮޅެއް ރަނޑު މި ބަސް ބޭނުން ކުރެވޭނީ ވެސް. ހަމަ ކެރިގެން ނިކުމެ ސަރުކާރަށް ފާޑުކިޔަންވީ ނޫންތޯ،" ކެރިގެން ނިކުމެ ރައީސްއަށާއި ސަރުކާރުން ހިންގާ ކަންކަމަށް ވެސް ފާޑުކިޔޭނެކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ބްލެކް ލިސްޓެއް އޮތް ކަމަށް ދައްކަން ބައެއް މީޑިއާތަކުން މަސައްކަތް ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގައި މީޑިއާގެ ބްލެކް ލިސްޓެއް ނޯންނާނެ ކަމުގަ އެވެ. އެމީހަކު ބޭނުން އެއްޗެއް ލިޔެ، ބޭނުން ވާހަކައެއް ދައްކަމުން އަންނައިރު އެކަމާ ގުޅިގެން ގެންދިޔައީ ކޮންތާކަށްތޯ ނުވަތަ އެޅީ ކޮން ފިޔަވަޅެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ހަލީލު ވިދާޅުވެފައި ވަނީ މި އެޑްމިނިސްޓްރޭޝަނުގެ ވިސްނުން ހުރީ ނޫސްވެރިކަމުގެ ދާއިރާ މިހާރަށް ވުރެ ބޮޑަށް ކުރިއަރުވަން ކަމަށެވެ. އެގޮތުން މި ދާއިރާއިން ތަމްރީނުތައް ހިންގައި، މީޑިއާތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ހަލީލް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާ އަދި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެެއް ވަންދެން މަސައްކަތްކުރެއްވި ހަލީލަކީ ޕީއެސްއެމް ނިއުސް ޗެނަލް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި އަދި އޭރު އެ ޗެނަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރާތެވެ. އޭނާ މިހާރު އަދާކުރައްވަމުން އަންނަނީ މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް