ads
ހުޅުމާލެ
މީޑިއާ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ކަނޑައަޅައިފި
މީޑިއާތަކުގެ އޮފީސްތަކަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖެއްސިކަން އިއުލާންކުރެއްވީ، ޕީއެސްއެމްގެ އަހަރީ ދުވަހާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވި އިންޓަވިއުއެއްގަ އެވެ.

ނޫސްވެރިންނާއި މީޑިއާތަކުގެ ކުރިއެރުމަށް ހުރި ދަތިތައް އިހުސާސް ކުރެއްވޭކަން ފާހަގަކުރައްވާ ނައިބުރައީސް ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްޕުޅު ފައްޓަވާފައިވާކަމަށެވެ. 

އެގޮތުން ދައުލަތުން މީޑިއާތައް އަދި ނޫސްވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭކަން އިހުސާސްވެވަޑައިގެން، ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މަސައްކަތްޕުޅުތަކެއް ފެއްޓެވިކަމަށާއި ރައީސް މުއިއްޒު ބޭނުންފުޅުވީ، އެކަމަށްޓަކައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފުރަތަމަ ފަހަރަށް ކޮންމެ މީޑިއާއަކަށް ކޮންމެވެސް މިންވަރެއް ހަމަޖެއްސުމަށް ކަމުގައިވެސް ނައިބުރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަމިއްލަ މީޑިއާތަކުގެ ހަރަދު ދެކޮޅު ނުޖެހުމުގެ ސަބަބުން ހިންގުމަށް ހުރި ހުރަސްތަކެވެ. ބޮޑު އަގުގައި އޮފީސްތައް ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމަކީ ވެސް ދަތިކަމެއް ކަމަށް ވިދާޅުވި އެވެ.

"ރައީސްގެ އިސްނެންގެވުމުގެ މަތިން މިކަމަށްޓަކައި ވަކި އުސޫލެއް ކަނޑައަޅުއްވައި، ރައްޔިތުން ރައީސްއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސް ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލެއިން މިހާރު ބިމެއް ހަމަޖައްސަވާފައިވަނީ. މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވަނީ.". ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމަށް ހައްލު ގެނައުމަށް މި ސަރުކާރުން ގާއިމްކުރާ މީޑިއާ ވިލެޖަށް ބިން ކަނޑައަޅައި މީޑިއާތަކުން ބޭނުންވާގޮތަށް އެތަނުގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވި ފުރިހަމަ އިތުބާރާއެކުގައި ރައްޔިތުންގެ މަޖިލީހުގައި ލިބިގެންދިޔަ ސުޕަރ މެޖޯރިޓީއާއެކު، ފުރަތަމަ ފަހަރަށް ދައުލަތުން މީޑިއާތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މިންވަރު ފޯރުކޮށްދެވިގެންދާނެ،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީޑިއާ ވިލެޖު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ، އިންތިހާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް