ދ. މާދެލީގައި މަސްފެކްޓްރީއެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި މަސްފެކްޓަރީ އެޅުމަށް ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ވަނީ ހަވާލުވެސްކޮށްފައެވެ. މިކަމުގައި އެއްބަސްވުމުގައި ސޮއިކުރީ މިިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓްނަގަން އެންމެ 6 ދުވަހަށް ވެފައިވަނިކޮށެވެ.
މަސްފެކްޓަރީ އެޅުމުގެ އެއްބަސްވުމުގައި ވާގޮތުން މާދެލީގައި ބަނދަރެއް ހަދާ، މަގުތައް ހަދާ، 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތަކާއި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ. އަދި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބުމަށް އެކޮމަޑޭޝަން ބްްލޮކެއް އެޅުމަށްވެސް ވަނީ ހިމަނާފައެވެ.
މަސް ފެކްޓަރީ ނިލަންދޫއަށް ބަދަލުކޮށް އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ގޮސް ކައުންސިލާއިވެސް ވަނީ ބައްދަލުކޮށްފައެވެ.
އެ މަޝްރޫއު ނިލަންދޫއަށް ބަދަލުކުރީ މާދެލި ރިސޯޓެއް ހަދަން ދޫކޮށްފައިވާތީކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ގޮސްފައިވާއިރު ބަދަލު ދީ އެރަށްް ނެގުމަކީ ދައުލަތައް ގެއްލުން ބޮޑުވާނެ ނިންމުމަކަށް ވާނެތީކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މާދެލީގައި މަސް ފެކްޓަރީއެއް އަޅަން ރައީސް މުއިއްޒު ވައުދުވެޑައިގެން އެކަން އިއުލާންކުރެއްވީ އޯގަސްޓު މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 17 ގައެވެ. އޭރުވެސް މާދެލި އޮތީ ރިސޯޓް ހަދަން ދޫކޮށްފައެވެ.
މާދެލިގައި ރިސޯޓެއް ހަދަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 5 ވަނަދުވަހުއެވެ. އެރަށުގެ އިކުއިޒިޝަން ކޮސްޓްގެ އަގަށްވާ 7.2 މިލިއަން ޑޮލަރު ވެސް ވަނީ ދައްކާފައެވެ.