ads
ދަތްއުނގުޅާ ބުރުސް
ފާޚާނާގައި ދަތް އުނގުޅާ ބުރުސް ބެހެއްޓުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން
ދަތްއުނގުޅާ ބުރުސް ފާޚާނާގައި ބެހެއްޓުމަކީ ގިނަބައެއްގެ އާދައެކެވެ. ނަމަވެސް، ފާޚާނާގައި ބުރުސް ބެހެއްޓުމުގެ ސަބަބުން، ބުރުހުގައި ބެކްޓީރިއާ އާލާވެ، ސިއްހަތަށް ނޭދެވޭ އަސަރު ފޯރުމުގެ ފުރުސަތު އޮތްކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.

އިންސްޓަގްރާމްގައި ޝާއިއުކުރި ވީޑިއޯއެއްގައި، ކޮންޓެންޓް ކްރިއޭޓަރ، ޝަޝަންކް އަލްޝީ ބުނީ ފާޚާނާގައި ބުރުސް ބެހެއްޓުމުގެ ސަބަބުން ބުރުސް ބެކްޓީރިއާ އާލާވާ މާހައުލަކަށް ވެގެންދާ ކަމަށެވެ. ފާޚާނާގެ ވައިގެ ތެރޭގައި ހުންނަ ފެނުގެ ސަބަބުންނާއި މިކަން ކުރިމަތިވާ ކަމަށް ޕެރާސް ހޮސްޕިޓަލްގެ ޑރ. އާރު.އާރު. ދުއްތާ ފާހަގަކުރައްވައެވެ. 

އިންޑްރަޕްރަސްތާ އެޕޮލޯ ހޮސްޕިޓަލްގެ ޕްރޮފެސަރ، ޑރ. އަޝިޝް ކަކާރު ވިދާޅުވީ، ފާޚާނާ ފްލަޝްކުރުމުގެ ސަބަބުން، ބެކްޓީރިއާ ފެތުރި ބުރުހުގައި އުނގުޅި، ތުންފަތާއި އަނގައިގެ ސިއްހަތަށް ނުރައްކާވެދާނެ ކަމަށެވެ. 

ބުރުސް ބެހެއްޓުމުގައި ސަމާލުކަން ދޭންވީ ހޫނު އަދި ވައި ދައުރުވާ ފަދަ ތަނެއްގައި ބުރުސް ރައްކާކުރުމަށް ޑރ. ކަކާރު ލަފާދެއްވައެވެ. 

ދިގު މުއްދަތުގައި، ބުރުހުގެ ސާފުތާހިރުކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން، ތުންފަތާއި، އަނގައިގެ އަދި ގޮހޮރުގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮންނަ ކަމެކެވެ.

ސާފުތާހިރުކަމާ އެކު ބުރުސް ބެހެއްޓުމަށް ޑރ. ކަކާރު އަންނަނިވި ގޮތްތަކަށް ލަފާދެއްވިއެވެ:

- ކޮންމެ 3-4 މަސް ދުވަހުން، އަދި ބަލިވުމަށްފަހު ބަލިން ފަސޭހަ ވުމުން ބުރުސް ބަދަލުކުރުން

- ބުރުސް ބޭނުންކުރުމަށްފަހު ރަނގަޅަށް ދޮވެ، ހިއްކައިގެން ބެހެއްޓުން 

- އެހެން މީހުންނާ ބުރުސް ޙިއްސާނުކުރުން

- ބުރުސް ސާފުކޮށް ބެލެހެއްޓުން.

ދަތްއުނގުޅާ ބުރުސް ބަހައްޓާ ގޮތުން، ސިއްހަތަށް ފޯރާ ނޭދެވޭ އަސަރު ނުވަތަ ނުރައްކާ ވަރަށް ބޮޑެވެ. ރަނގަޅު އާދަތައް ދެމެހެއްޓުމުން، ތުންމަތާއި އަނގައިގެ ސިއްހަތު ރައްކާތެރިކުރެވިދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް