ads
ދިވެހި ހައްޖުވެރިން ހަރަމްފުޅުގައި ތަވާފުކުރަނީ.
ހައްޖަށް އިތުރު ކޯޓާ ލިބޭނެކަމުގެ އުއްމީދު އެބައޮތް: ޝަހީމް
މިއަހަރު ރާއްޖެއަަށް ހައްޖަށް މީހުން ގެންދިޔުމަށް ލިބިފައިވާ ކޯޓާގެ އިތުރަށް ކޯޓާ ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރަސްމީ ކޯޓާގެ ތެރެއިން ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޖާގައެވެ. އެހެންނަމަވެސް ކޮންމެ އަހަރަކުވެސް އެ އަދަދު އިތުރުކުރެވޭތޯ ކޮންމެ ސަރުކާރަކުން މަސައްކަތް ކުރެއެވެ. 

މި އަހަރުގެ ހައްޖުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރު ލިބުނު ކޯޓާ އިތުރުކުރުމުގެ މަސައްކަތް ސަރުކާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން ކޯޓާ އިތުރުކޮށް ދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ޝަހީމް ވިދާޅުވީ ކޯޓާގެ ކަންކަން ސައުދީން މިހާރު ކުރަމުން އަންނަނީ ކުރިން އެކަން ކުރިގޮތުގެ ބަދަލުގައި ވަކި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން މިހާރު ތަނުގައި ހުރި މިންވަރަށް ވުރެ އިތުރަށް ޖާގަ ނުދެވޭނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. ގައުމުތަކަށް ދީފައިވާ ކޯޓާތަކުން ބޭނުން ނުކޮށް ހުރިނަމަ ހައްޖު ގާތްވުމުން އިތުރު ކޯޓާ ލިބިދާނެކަން ސައުދީ ހައްޖު މިނިސްޓްރީން އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

" އަޅުގަނޑު އުއްމީދުކުރަނީ ކޮންމެވެސް މިންވަރެއްގެ އިތުރުވުމެއް އަންނާނެއޭ. އެކަމަކު އެ އިތުރުންވުން އަންނާނީ ވަރަށް ގާތްކޮށްފައޭ. ކޮންމެވެސް ވަރެއް އިތުރުވުން އައުމުގެ އިހްތިމާލު އެބައޮތް. އުއްމީދުކުރަން އެގޮތަށް." ޝަހީމް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއަށް ލިބނު ހައްޖު ކޯޓާ އެއްކޮސް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އިތުރު ކޯޓާ ލިބިއްޖެނަމަ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދާ އަގަށް ގެންދަން އެއްބަސްވާ ޖަމާއަތްތަކަށް ފުރުސަތު ދިނުމުގެ ވިސްނުން އޮތްކަމަށް މީގެކުރިން ޝަހީމް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް