ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ހިންގަމުން ދިޔަ ފިހާރަ މަރާމާތަށްފަހު، ސްމާޓް ސްޓޯރެއްގެ ގޮތުގައި ހުޅުވިއިރު މި ފިހާރައިން ވިޔަފާރި ކުރެވޭނީ އެސްޓީއޯއިން އެކަމަށް ތައްޔާރުކޮށްފައިވާ ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. އެސްޓީއޯއިން ބުނީ އެ އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
އެޕްލިކޭޝަނުގައި ރެޖިސްޓާވުމުން އެ ފަރާތެއްގެ ބޭންކު ކާޑު، އެޕްލިކޭޝަނާ ގުޅޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެސްޓީއޯއިން ބުނެފައިވަނީ އެ އެޕްލިކޭޝަން ޖެނެރޭޓު ކުރާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން ފިހާރައަށް ވަދެވޭނެ ކަމަށާއި ފިހާރައިން މުދާ ނަގަމުންދާވަރަކަށް އެ ފަރާތެއްގެ ބިލަށް އެ އެއްޗެއް އިތުރުވެ، ފައިސާ ކެނޑެމުންދާނެ ކަމަށެވެ. އެސްޓީއޯ ސްމާޓް ސްޓޯރުގެ ބޭރުގައި އެ ސްޓޯރުން ވިޔަފާރި ކުރެވޭނެ ގޮތް ދިވެހި ބަހާއި އިނގިރޭސިބަހުން އާންމުންނަށް އެނގޭނެ ގޮތަށް ކިޔާދީފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ކަސްޓަމަރުން ފިހާރައަށް ވަންނަ ހިސާބުން ފެށިގެން ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުން އެ ކަސްޓަމަރެއްގެ ހަރަކާތްތައް ދެނެގަންނަމުންދާނެ ކަމުގަ އެވެ. އެގޮތުން ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ވެއިޓް ސެންސަރުތަކުން އެ ހަރަކުން މުދާ ނަގައިފި ނަމަ، އެ ނަގާ އެއްޗަކީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެ އެއްޗެއްގެ ބަރުދަނުން އެކަން ދެނެގަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ކަސްޓަމަރު ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާވަރުން ވާޗުއަލް ކާޓަކަށް އެޑުވަމުން ދާނެ ކަމަށާއި އެ އެއްޗެއް އަލުން ހަރަށްލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ ކަސްޓަމަރު ފިހާރައިން ނިކުންނައިރު އެ ފަރާތަކުން ނެގި މުދަލަށްވާ ފައިސާ އެ ކަސްޓަމަރެއްގެ އެކައުންޓުން ކެނޑޭނެ ކަމަށާއި 10 އާއި 15 ސިކުންތާ ދެމެދު ފައިސާގެ ރަސީދު ލިބޭނެ ކަމަށެވެ. އެސްޓީއޯއިން ބުނި ގޮތުގައި އެ ފަރާތެއްގެ އެކައުންޓުގައި އެ ވަގުތު ފައިސާ ނެތްނަމަ އެންމެ އަވަހަށް އެ އެކައުންޓަކަށް ޖަމާކުރާ ފައިސާއިން އެ އަދަދެއް އުނިކުރާނެ ކަމުގަ އެވެ.
އެސްޓީއޯއިން ބުނީ ސްމާޓް ސްޓޯގައި ނިއު އެމާޖިން ދެ ޓެކްނޮލޮޖީއެއް ބޭނުންކޮށްފައިވާ ކަމަށެވެ. އެއީ އާޓިފިޝަލް އިންޓެލިޖެންސްގެ ވިޝަން އާއި އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ ކިއުއާރު ކޯޑު ބޭނުންކޮށްގެން އެ ސްޓޯރަށް ވަދެ ވިޔަފާރި ކުރުމުގެ އިތުރުން އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާގައި އެމީހެއްގެ މޫނު ރެޖިސްޓްރީ ކުރުމުން ފޯނު ނެތް ހާލަތުގައި މޫނު ސްކޭން ކޮށްލުމަށްފަހު، ވަދެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.
އެސްޓީއޯ ސްމާޓް ސްޓޯރުން ވިޔަފާރި ކުރުމަށް ތައްޔާރުކުރެވުނު ހާއްސަ އެޕްލިކޭޝަނުގައި ބޭނުން ކުރަނީ ބީއެމްއެލްގެ ޓޯކަނައިޒޭޝަން ސިސްޓަމް ކަމަށްވުމުން ކާޑު ރެޖިސްޓާ ކުރާ ހިސާބުން ތިން ރުފިޔާ ޗާޖު ކުރާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައިވަނީ ކަސްޓަމަރު ކުރާ ފުރަތަމަ ވިޔަފާރީގެ ޓްރާންސެކްޝަނުގެ ތެރޭގައި އެ ތިން ރުފިޔާ ހިމަނާނެ ކަމަށެވެ.
ކޮމްޕިއުޓަ ވިޝަންއިން 99 އިންސައްތަ އެކިއުރޭޓްވި ނަމަވެސް އެއް އިންސައްތަ ޕްރޮޑަކްޓް މިސްރީޑްވުމުގެ ފުރުސަތު އޮތުމާ އެކު، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޕްލިކޭޝަން މެދުވެރިކޮށް ރިފަންޑްކުރުމުގެ ފުރުސަތު ނުވަތަ ސަޕޯޓަ ކޮންޓެކްޓްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.