ads
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލުކުރަނީ
ތެލެސީމިއާގެ ހިދުމަތްތައް ފޯރުކޮށްދޭ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ހުޅުމާލޭގެ އިމާރާތަކަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ތެލެސީމިއާ ހޮސްޕިޓަލް އިމާރާތްކުރުމަށް ބޭނުންވާ 720،000 އަކަފޫޓުގެ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުގެ އިތުރަށް އެ ތަން ބާވެ ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ. އެ ތަނަކީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ޑިޒައިން ނިމި، މިހާރު ކުރިއަށް ދަނީ މަޝްރޫއުއަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ވަރަށް ކައިރި މުސްތަގުބަލެއްގައި އާ އިމާރާތަކަށް އާ ތަނަކަށް ބަދަލުވެގެންދާނެ ކަން އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަ ކުރަން،" ހަލީލް ވިދާޅުވި އެވެ.

ތެލެސީމިއާ ބަލީގެ މީހުންނަށް ދޭންޖެހޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ޓީޓޫ ސްޓަރ ޓެސްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހުޅުމާލޭ ހޮސްޕިޓަލްގައި ނިންމާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތްވެސް އެއްކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް ހެދުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެ ތަން ތަރައްގީ ކުރާނީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ވެސް ހެދޭނެ ފެންވަރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފަ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް