ads
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލުތައް
ދިވެހި ފުލުހުންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލުތައް ކުރަމުންދާތީ، އެކަމަށް ސަމާލުވެ، އެފަދަ ކޯލުތައް ނުނެގުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އެގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވީޑިއޯ ކޯލު މެދުވެރިކޮށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް އެދޭ ކަމަށާއި އަދި ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށެވެ.

އެގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

އެހެންކަމުން އެގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. 

ފުލުހުން އިތުރަށް ބުނީ، ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންނަށް ނުގުޅާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް