ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު
މޫސަގެ މަރުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރަން އަމުރެއް
އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގައި މޫސާ އަހުމަދު، މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގައި އުމުރުން 19 އަހަރުގެ މޫސާ އަހުމަދުގެ ގަޔަށް ވަޅި ޖަހައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ޝަރީއަތް ހިނގަމުންދަނީ މިހާރު ހައިކޯޓުގަ އެވެ. 

އޭނާގެ މައްޗަށް ހައި ކޯޓުގައި ހިންގާ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކުރީ، ހައިކޯޓުން އެގޮތަށް ކަނޑައަޅާފައި ނެތުމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

މޫސަ މަރާލި މައްސަލައިގައި ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި އަހަރުގެ ކުރީކޮޅުއެވެ. ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުނު ނަމަވެސް ހައިކޯޓުން އޭނާ ބަންދެއް ނުކުރިއެވެ. އެހެންކަމުން ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، އޭނާއާ ދެކޮޅަށް ތުހުމަތު ކުރެވޭ ވަރުގެ ހެކި ހުރި ކަމަށް ދައުލަތުން ބުނާ އިރު ހައިކޯޓުން އެ ކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. 

މި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރި އެވެ. އެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް