ads
ދަރުމަވަންތަ ހޮސްޕިޓަލް
މެޑިސިން ދަރިވަރުންނަށް ދަރުމަވަންތަ ހަމަޖައްސަން ރައީސް އަންގައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން އެދުނު ގޮތަށް އެ މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހަސްފަތާލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް 23 އޭޕްރީލް ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރުވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުވުމެއް ބާއްވިކަމަށެވެ. މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށެވެ.

ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާކަންވެސް ރައީސް އޮފީހުން ބުނެއެވެ. 

މިގޮތުން ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތްކުރަމުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ހިދުމަތްތައް މި ދެ ހަސްފަތާލުގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ދަނީ ކުރަމުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުންދާ ދަރިވަރުންނަށް، އެ ކުދީންގެ އުނގެނުމުގެ ކަންކަން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހަސްފަތާލުގައި ހަމަޖައްސަން ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީއިން ފާހަގަކުރިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ 

އަދި އެ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރުމުގައި ދެއްކި ވާހަކަފުޅުގައި، މަތީ ތަޢުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސުލްޖުމްހޫރިއްޔާ އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތްކަމަށާ، މިއަދު ރައީސުލްޖުމްހޫރިއްޔާ މި ނިންމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ބުނިކމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް