މި ބަލި ފެނިފައިވަނީ އެ ފެކްޓަރީގައި މަސައްކަތް ކުރާ އިންޑިއާ ތިން މީހެއްގެ ގައިންނެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ގއ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކޫއްޑޫގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީން ޕްރޮގްރާމެއްގެ ތެރެއިންނެވެ. މި މީހުން ޓެސްޓްތައް ހެދީ ކޮންޓެރްކްޓް އާ ކުރަން ޓެސްޓް ހެދި އިރު ފައިލޭރިއާއަށް ޝައްކުކުރެވުނު ބައެއް ފާހަގަވުމުން އެޗްޕީއޭގެ އެދުމަށް މިފްކޯގެ ހުރިހާ ފެކްޓަރީއެއްގެ ސްކްރީނިން ޕްރިގްރާމް ހިންގުމުންނެވެ.
ފައިލޭރިއާއަށް ޕޮޒިޓިވް ވި މީހުންނަކީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އައިސް ކޫއްޑޫގައި މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އަދި އެމީހުންނަށް ފަރުވާދިނުމަށްފަހު މިހާރު މަސައްކަތަށް ނެރެފައިވާކަމަށް މިފްކޯއިން ބުނެއެވެ. މަސް ފެކްޓަރީން ފައިލޭރިއާ ކޭސްތަކެއް ފެނުމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ސްކްރީނިން ކުރިޔަށް ގެންދާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިއާ ބަލި އަލުން ރާއްޖެއިން ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަދުވަހުއެވެ. ކުޅުދުށްފުށީގައި މަސައްކަތް ކުރާ ބިދޭސީ ދެމީހެއްގެ ގައިން ފައިލޭރިއާ ފެނި ކުރި ޓެސްޓްތަކަށްފަހު އެ ބަލި ޖެހިފައިވާ 32 މީހަކު ވަނީ ފެނިފައެވެ. އެއީ މުޅިންވެސް ބިދޭސީން މަސައްކަތް ތެރިންނެވެ.
މުޅި ރާއްޖޭގައި ފައިލޭރިޔާ ޓެސްޓްކުރުމަށް ހާއްސަ ޕްރޮގްރާމެއް މިދިޔަ ފެބްރުއަރީމަހު ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަށާފައެވެ.