ads
ހޯމްލޭންޑް މިނިސްޓަރު އިހުސާން: ވިދާޅުވީ ޖިނާއީ ކުށަށް ޒިންމާވާ އުމުރު ދަށް ކުރުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް - ފޮޓޯ:ހޯމްލޭންޑް މިނިސްޓްރީ
ޖިނާއީ ކުށަށް ޒިންމާވާ އުމުރު ދަށް ކުރުމުގެ ގާނޫނީ މަސައްކަތް ފަށައިފި
ޖިނާއީ ކުށަށް ޒިންމާވާ އުމުރު ދަށް ކުރުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
Advertisement

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ މިހާރު 15 އަހަރު ކަމަށްވީ ނަމަވެސް އެ އުމުރު 12 އަހަރަށް ދަށް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެކަން ކުރުމަށް ނިންމާފައި ވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށް ކަން ފާހަގަކުރައްވާ އިހުސާން ވިދާޅުވެފައި ވަނީ އެކަމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މީގެ ބޭނުމަކީ އެއްވެސް ހާލެއްގައި ތުއްތުކުދިން ޖަލަށްލައި ގެންގުޅުމެއް ނޫން. މީގެ ބޭނުމަކީ 12 އަހަރުން ފެށިގެން ކުށުގެ ވެށިން ފެންނަ ކުދިން، ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމަށް ފެންނަ ކުދިން އަދި ދޭތެރެދޭތެރެއިން ކުށުގެ ވެށިން ހައްޔަރުކުރެވި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި އެ ކުދިންގެ މައްޗަށް ބައެއް ފަހަރަށް 15 އަހަރުގެ ކުދިން އެބަތިބި ޖިނާއީ ކުށުގެ ދައުވާ ވެސް ކުރެވިފައި. މިފަދަ ކުދިން ކުށުގެ މާހައުލުން ނަގައި އެ ކުދިން ރިހެބިލިޓޭޓްކޮށް، އެ ކުދިންނަކީ މުޖުތަމައަށް ފައިދާހުރި ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރެވޭ މަސައްކަތަކަށް ގާނޫނީ ބާރު ހޯދުމަށްޓަކައި ކުރެވޭ ކަމެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އުމުރުފުރާ ދަށް ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން އެފަދަ ކުދިންނަށް ހިންގަން ޖެހޭ ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމުގެ ބާރު ލިބިދޭނެ ކަމުގަ އެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތައް ގުޅިގެން ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައި ވަނީ އެކަމަށް ހާއްސަ ކުރެވިފައިވާ ރަށަކަށް އެ ކުދިން ގެންދިއުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހުކުރަން ގެންދިއުމަށް ނިންމާފައި ވަނީ "ހޯޕް އައިލެންޑް" އަށް ކަމަށާއި އެ ރަށުގައި އެ ކުދިންނަށް ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރާ އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމުތައް ހިންގާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް